ޚަބަރު

ހިޔާ ފްލެޓް އަތުލައިފިނަމަ އަނބުރާ ދޭނަން: ޕީޕީއެމް

ދެން އެމްވީ ، ދެން އޮންލައިން

ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިންގި ހިޔާ މަޝްރޫގެ ދަށުން ދީފައިވާ ފްލެޓްތައް މި ސަރުކާރުން އަތުލައިފި ނަމަ، ޕީޕީއެމްގެ ސަރުކާރެއްގައި އަނބުރާ ފްލެޓް ދިނުމަށް ޕީޕީއެމް-ޕީއެންސީ ކައުންސިލުން މިރޭ ފާސްކޮށްފިއެވެ.

Ads by STELCO

ދަރުބާރުގޭގައި އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި ކައުންސިލް ބައްދަލްވުމުގައި ހިޔާ މަޝްރޫއުގެ ފްލެޓްތައް ދިނުމަށް މިހާރު ނިންމާފައިވާ ނިންމުމަށް މި ސަރުކާރުން ބަދަލު ގެނެސްފިނަމަ ގެއްލުން ލިބޭ ފަރާތްތަކުގެ ހައްގުގައި މަސައްކަތް ކުރުމަށެވެ. ޕީޕީއެމްގެ ނާއިބް ރައީސް އިބްރާހިމް ޝުޖާއު ހުށައެޅި ގަރާރުގައި ބުނެފައިވަނީ ހުޅުމާލޭ ދެވަނަ ފިިޔަވަހީގައި ރައީސް ޔާމީންގެ ސަރުކާރުން އަޅަން ފެށި 7000 ފްލެޓް ލިބޭނެ ހައްގުވެރިން ކުރީ ސަރުކާރުން ކަނޑައަޅާފައިވާ ކަމަށެވެ.

ޝުޖާއުގެ ގަރާރަށް އިސްލާހު ހުށަހެޅުއްވީ، ޕީޕީއެމްގެ ކައުންސިލް މެމްބަރު އަދި ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު ސިއްދީގެއެވެ. އޭނާ ހުށަހެއްޅުވި އިސްލާހުގައި ބުނެފައިވަނީ، ރައީސް ޔާމީންގެ ސަރުކާރުން ބޯހިޔާވަހިކަން ދޭނެ ކަމުގެ ޔަގީންކަން ދީފައިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ސަބަކަކާހުރެ އެ ބޯހިޔާވަހިކަމެއް މި ސަރުކާރުން ނުދީފި ނަމަ، ދެން އަންނަ ޕީޕީއެމްގެ ސަރުކާރަކުން އެ މީހަކަށް ބޯހިޔާވަހިކަން ދިނުމަށެވެ.

ސިއްދީގުގެ އިސްލާހާއެކު ޝުޖާއުގެ ގަރާރު ފާސްވީ، ކައުންސިލް ބައްދަލުވުމަށް ވަޑައިގެންނެވި 47 މެމްބަރުންގެ އިއްތިފާގުންނެވެ.

އިދިކޮޅު ކޯލިޝަނުން މިފަދަ ގަރާރެއް ފާސްކޮށްފައިވާއިރު ދާދިފަހުން އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ 7000 ފްލެޓްގެ ތެރެއިން 5000 ފްލެޓް ދީފައިވަނީ ހައްގު ނޫން މީހުންނަށް ކަމަށް ވިދާޅުވެފައެވެ.

އެ ގަރާރުގެ އިތުރުން މިރޭ ކައުންސިލް ބައްދަލުވުމުގައި ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެ ކޯލިޝަނުން އިތުރު ބަޔަކާ ކޯލިޝަން ހަދާނަމަ، ކޯލިޝަން ހެދުމުގެ އުސޫލުތަކެއް ބަޔާން ކުރާ ގަރާރެއްވެސް ފާސްކޮށްފައެވެ.

އެގޮތުން އެ ގަރާރުގައި ކޯލިޝަން ހަދާ ފަރާތްތަކުގެ ޝަރުތަކެއް ވަނީ ބަޔާން ކޮށްފައެވެ. އެގޮތުން ރައީސް ޔާމީން މިނިވަން ކުރުމަށް ފާޅުގައި މަސައްކަތް ކުރުމާއި ސަރުކާރު ހިންގުމުގެ ބައިވެރިއަކަށް ނުވުމާއި ޕީޕިއެމް ސިޔާސަތުތައް ގަބޫލު ކުރާ ޕާޓީއަށްވުން ހިމެނެއެވެ. އޭގެ އިތުރުން ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް މިދިޔަ ހޯމަ ދުވަހު ދެއްވި ރިޔާސީ ބަޔާނަށްވެސް ވަނީ ކައުންސިލް މެމްބަރުން ރައްދު ދީފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!