ކަފާލާތުގެ ދަށުން ޔާމީން މިނިވަން ކުރެވެން ނެތް ކަމަށް ނިންމައިފި
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށް ލުމަށް ކުރި ހުކުމްގެ އިސްތިއުނާފް ނިމެންދެން އެ މަނިކުފާނު ކަފާލާތުގެ ދަށުން މިނިވަން ކުރެވެން ނެތް ކަމަށް ހައި ކޯޓުން ދެންމެ ކަނޑަައަޅައިފި އެވެ.
މީގެ އިތުރުން ޔާމީންގެ ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް ވެސް ނެރެދެވެން ނެތް ކަމަށް ހައި ކޯޓުން ވަނީ ނިންމާފައެވެ.
މިގޮތަށް ނިންމީ މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރުން ޔާމީން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރަން އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅުއްވި މައްސަލާގައި، ކަފާލަތަށް އެދިވަޑައިގެންފައި ވާތީ އަޑުއެންތަކުގައި އެކަމާ ވާހަކަ ދެއްކުމަށް ފަހުގަ އެވެ.
ރައީސް ޔާމީންގެ އެ ދެ އެދިވަޑައިގެންނެވުމާ ގުޅޭ ގޮތުން މިއަދު ހައިކޯޓުން ނިންމެވި ނިންމެވުމަކީ މިފަހުން އެ ކޯޓުގައި އެހާ ރައުޔު ތަފާތުކޮށް ނިންމެވި ނިންމުމެވެ. މި މައްސަލާގެ ބެންޗުގެ ރިޔާސަތުގައި އިންނަވަނީ މިފަހުން ހައިކޯޓަށް އައްޔަން ކުރެއްވި ފަނޑިޔާރު ހުސެއިން މަޒީދެވެ. ދެން ތިއްބަވަނީ ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު ހުސެއިން ޝަހީދެވެ. ރައީސް ޔާމީނަށް ކަފާލަތް ނުދޭން ތިން ފަނޑިޔާރުން އިއްތިފާގުވީ ނަމަވެސް އެ ނިންމުމަށް ވާސިލްވި ސަބަބުތައް ތަފާތެވެ.
އިސްތިއުނާފް ޝަރީއަތުގެ ފުރަތަމަ އަޑުއެހުމުގައި ޔާމީން ވަނީ އެ މަނިކުފާނުގެ ސިއްހީ މައްސަލަތަކެއް ހުރި ކަމަށާއި އޭގެ ތެރެއިން ބައެއް ކަންކަމަށް ރާއްޖެއިން ބޭރުން ފަރުވާ ހޯއްދަވަން ޖެހޭ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށް ވިދާޅުވެފަ އެވެ. އެހެންވެ، އެކަމާ ބެހޭ ލިޔުންތައް ކޯޓަށް ހުށަހަޅަން ރިޔާސަތުގައި ފަނޑިޔާރު ހުސައިން މަޒީދު އިންނަވާ އަދި ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު ހުސައިން ޝަހީދު ބައިވެރިވެ ވަޑައިގަންނަވާ ބެންޗުން އޮތީ އަންގަވައިފަ އެވެ.