ޚަބަރު

ޝިދާތާގެ ތަރި ސިޔާސީ އުދަރެހުން އޮއްސެން ގާތް ވެސް ނުވޭ: އިމްރާން

ދެން އެމްވީ ، ދެން އޮންލައިން

ޖެންޑާ މިނިސްޓަރުކަމުގެ މަގާމުން އިސްތިއުފާ ދެއްވި ޝިދާތާ ޝަރީފުގެ ތަރި ރާއްޖޭގެ ސިޔާސީ އުދަރެހުން އޮއްސެން ގާތް ވެސް ނުވާ ކަމަށް، ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

Ads by STELCO

ސަރުކާރާ އެކު އަދާލަތުން ހެދި ކޯލިޝަންގެ ތެރެއިން ޖެންޑާ މިނިސްޓަރު ކަމަށް އައްޔަންކުރެއްވި ޝިދާތާ އިސްތިއުފާ ދެއްވީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެހީވާ މީހެއްގެ ގޮތުގައި މަޝްހޫރު ވެފައިވާ އަހުމަދު ހިޝާނަށް ކުރެވޭ ޖިންސީ ތުހުމަތުތައް ޖެންޑާ މިނިސްޓްރީ އަށް އެނގޭއިރު ވެސް އެކަމުގައި އިހުމާލުވިކަން ފަޅާއަރައި، ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށް މިއަދު މެންދުރެވެ.

އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޝިދާތާއަކީ ސިޔާސީ ތާރީހުގައި އުފެދުނު ހިތްވަރުގަދަ ބޭފުޅެއް ކަމަށެވެ. ޕާޓީއަށާއި ކޮށްދެއްވި އަގުހުރި ހިދުމަތްތަކާއި ވެވަޑައިގެންނެވި ގުރުބާން މިނެކިރޭވަރަށް ވުރެ ބޮޑު ކަމަށް އިމްރާން ވިދާޅުވި އެވެ.

"އަދި އެއީ ގެއްލިގެންދާނެ ކަމެއް ވެސް ނޫން އިންޝާﷲ، މާތްﷲގެ ވާގިފުޅާ އެކު ޝިދާތާގެ ތަރި ރާއްޖޭގެ ސިޔާސީ އުދަރެހުން އޮއްސެން ގާތް ވެސް ނުވޭ. ސިޔާސީ ހަރަކާތުގައި ޝިދާތާއަކީ އަދާލަތު ޕާޓީގެ އެއް މުގޫ." އިމްރާން ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މީގެ އިރުކޮޅެއް ކުރިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޝިދާތާގެ އިސްތިއުފާ ދެއްވި ކަމުގެ ސިޓީ މިއަދު ލިބިވަޑައިގެންފައިވާކަމަށެވެ.

އަދި ޝިދާތާގެ އިސްތިއުފާ ގަބޫލުކުރައްވާފައި ކަމަށާއި، މިނިސްޓަރުގެ މަގާމުގައި ހުންނެވި ދުވަސްތަކުގައި ކޮށްދެއްވި ހިދުމަތަށް ޝުކުރު އަދާކުރައްވާކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވި ގޮތުގައި، ޝިދާތާގެ އިސްތިއުފާއާ ގުޅިގެން، ޖެންޑާ މިނިސްޓަރުގެ މަގާމަށް މިވަގުތު އިންޑިއާގައި ހުންނަވާ ރާއްޖޭގެ ސަފީރު އައިޝަތު މުހައްމަދު ދީދީ އައްޔަނުކުރަން ނިންމަވާފައިވާ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!