ހުޅުމާލޭގައި ޓޫރިސްޓުންނަށް ދިން ހަމަލާއާ ގުޅިގެން ފަސް ދިވެހިން ހައްޔަރުކޮށްފި
މިދިޔަ އަންގާރަ ދުވަހުގެ ރޭ ހުޅުމާލޭގައި ފަތުރުވެރިންތަކަކަށް ތޫނުއެއްޗަކުން ހަމަލާދިން މައްސަލާގައި މިހާތަނަށް ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ހެޑް، ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ފަސް މީހުންނަކީ ދިވެހިންް ކަމަށާއި، އެ މީހުން ހައްޔަރުކުރެވިފައިވަނީ އެ ހާދިސާއާ ގުޅިގެން ހިންގޭ ތަހުގީގުގެ ތެރެއިން ކަމަށެވެ.
އަދި އެ ހަމަލާއަކީ ޓެރެރިޒަމްގެ ހަމަލާއެކޭ ބުނެ ދައުރުވަމުންދާ ވީޑިއޯ ސައްހަ ކަން ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޝިފާއު ވިދާޅުވިއެވެ.
ޝިފާއު ވިދާޅުވީ، އެ ހާދިސާގައި އަނިޔާވި ތިން މީހުންގެ ތެރެއިން އެކަކު ހޮސްޕިޓަލުން ދޫކޮށްލާފައި ވާ ކަމަށާއި. އަނެއް ދެ މީހުންނަށް އަދިވެސް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިކަން ކުރި އެންމެހާ ފަރާތްތައް، މިކަން ރޭވުމުގައި އާއި އެކި ގޮތްގޮތަށް މިކަމަށް އެހީތެރިވެފައިވާ ފަރާތްތަކާއި، މިކަން ހިންގި ފަރާތްތަކަށް ވީ އެންމެ އަވަހަކަށް ގާނޫނުގެ ކުރިމައްޗަށް ގެނެވޭތޯ ބަލާނަން. އަދި ތަހުހީގު ފުރިހަމަ ކުރުމުގެ މަސައްކަތް ކުރިއަށްގެންދާނަން". ޝިފާއު ވިދާޅުވިއެވެ.
ޝިފާއު ވިދާޅުވީ، އަންގާރަ ދުވަހުގެ ރޭ ހަމަލާ އާއި މީގެ ކުރިން ތުރުކީގެ ފަތުރުވެރިއަކަށް ދިން ހަމަލާއާ ގުޅުންތަކެއްވޭތޯ، އިތުރަށް ކަށަވަރު ކުރަން ޖެހޭ ކަންތައްތަކާއި އެކީގައި މަސައްްކަތް ކުރަމުން ދާނެ ކަމަށެވެ.
"ވަކި ތަހުގީގެއްގެ ގޮތުގައި އެމައްސަލަ ތަހުގީގު ކުރެވިގެންދާއިރުގައި އަޅުގަނޑުމެން، މި މައްސަލައާ އެކީގައި މި މައްސަަލައާއި އެކަމާއި އޮތް ގުޅުންތަކަކީ ކޮބައިތޯވެސް ހޯދުމުގެމަސައްކަތް ކުރިއަށް ދާނަން". ޝިފާއު ވިދާޅުވިއެވެ. ދު
އަންގާރަ ދުވަހުގެ ރޭ ހުޅުމާލޭގައި ހަމަލާދިނީ ޗައިނާގެ ދެ މީހަކަށާއި އޮސްޓްރޭލިއާގެ މީހަކަށެވެ. މި މައްސަލައިގައި މިހާތަނަށް ހައްޔަރު ކޮށްފައި ވަނީ ރ. މަޑުއްވަރީގެ ހަރުކަށި ފިކުރުގެ ބައެއް ކަމަށް މައުލޫމާތު ލިބެއެވެ.