ފަތުރުވެރިޔާއާ މެދު ފުލުހުން އަމަލުކުރި ގޮތުން މާފަށް އެދެން، މައްސަލަ ތަހުގީގު ކުރާނަން: ސީޕީ ހަމީދު
ކ. މާފުށިން މިއަދު އަންހެން ފަތުރުވެރިއަކު ހައްޔަރުކުރުމުގައި ފުލުހުން އަމަލު ކުރި ގޮތުން މާފަށް އެދޭ ކަމަށާއި މި މައްސަލަ ތަހުގީގު ކުރާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
ހަމީދު ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަންހެން ފަތުރުވެރިޔަކު ހައްޔަރު ކުރުމުގައި ފުލުހުން އަމަލު ކުރިގޮތުން ފަތުރުވެރިޔާގެ ކިބައިންނާއި އާއްމުންގެ ކިބައިން މަޢާފަށް އެދޭކަމަށެވެ. މި މައްސަލަ ތަޙްޤީޤު ކުރައްވާނެ ކަމަށް ވެސް ކޮމިޝަނަރ ވިދާޅުވިއެވެ.
"މާފުށީގައި ފުލުހުންތަކެއް އަންހެން ޓޫރިސްޓަކު ހައްޔަރުކުރަން މަސައްކަތް ކުރީ އެންމެ ރަނގަޅަކަށް ނޫން. އެ ޓޫރިސްޓަށާއި އާންމުންގެ ފަރާތުން މާފަށް އެދެން. އަޅުގަނޑުގެ ޗެލެންޖަކީ ފުލުހުންގެ އިދާރާ މިހާރަށް ވުރެ ޕްރޮފެޝަނަލް ކުރުން. އެކަމަށް އެބަ މަސައްކަތް ވެސް ކުރަން. މި މައްސަލަ ތަހުގީގު ކުރާނަން." ހަމީދުހަމީދު ވިދާޅުވިއެވެ.
ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު މިރޭ ވިދާޅުވި އެ ފަތުރުވެރިތާ މާފުށި މަގުމަތީގައި އުޅުނީ މަސްތުގެ ހާލަތުގައި ނިވާކަން ކުޑަކޮށް ކަމަށާއި އޭނާ ހުއްޓުވަން މަސައްކަތް ކުރި ވަގުތު ނުކިޔަމަންތެރިކަން ދެއްކުމުން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ބިޑި އަޅުވައިގެން ކަމަށް އިޒްމިއާ ވިދާޅުވިއެވެ.
"އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މަސްތުގެ ހާލަތުގައި ހުރި ކަމަށް ތުހުމަތު ކުރެވޭތީ. އޭނާ ވަނީ މިރޭ 19:10 ހާއިރު ފުލުހުންގެ ބެލުމުގެ ދަށުން ދޫކޮށްލާފައި" އިޒްމިއާ ވިދާޅުވިއެވެ.
އެ ފަތުރުވެރިޔާ ހައްޔަރުކުރުމުގައި ހަރަކާތްތެރިވީ ފިރިހެން ފުލުހުން ކަމަށްވާއިިރު އިޒްމިއާ ވިދާޅުވީ މާފުށީގައި މިވަގުތު މަސައްކަތް ކުރާ އަންހެން ފުލުހުން ނެތް ކަމަށެވެ.
އަދި މިފަދަ ހާދިސާއެއްގައި މިއަށްވުރެ ރަނގަޅަށް އަމަލު ކުރެވޭނެ ކަމަށް ގަބޫލުކުރާ ކަމަށާއި އެހެންކަމުން މި ހާދިސާ ހިނގާދިޔަ ގޮތް ބެލުމަށް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުގެ ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.