ޚަބަރު

އިސްތިއުފާ ދިނީ އިހުމާލެއް އޮވެގެނެއް ނޫން: ޝިދާތާ

ދެން އެމްވީ ، ދެން އޮންލައިން

މިނިސްޓަރު ކަމުގެ މަގާމުގެ ޒިންމާ އާއި މަސްއޫލިއްޔަތު އަދާކުރެއްވި އިރު، އިހުމާލުވެވަޑައިގެންފައި ނުވާނެ ކަމަށާއި ވަޒީރުކަމުން އިސްތިއުފާދެއްވީ އެއީ މަސްލަހަތު އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލުކުރައްވާތީ ކަމަށް، ޖެންޑާ މިނިސްޓަރު ކަމުން މިއަދު އިސްތިއުފާދެއްވި ޝިދާތާ ޝަރީފު ވިދާޅުވެއްޖެ އެވެ.

Ads by STELCO

ޝިދާތާ އިސްތިއުފާ ދެއްވާފައިވަނީ ކުޑަ ކުދިންނާ ގުޅޭ ގިނަ މައްސަލަތަކުގައި އިހުމާލިވި ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގައި އިއްޔެ އެމްޑީޕީގެ ގިނަ މެންބަރުން ޝިދާތާ އިސްތިއުފާ ދެއްވުމަށް ގޮވާލާފައި ވަނިކޮށެވެ. އަދި ޝިދާތާ މަގާމުގައި ހުންނަވަން ނުފެންނަކަމަށް، މަޖިލީހުގެ ސާފު މެޖޯރިޓީ އޮންނަ، އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ އިއްތިފާގުން އިއްޔެ ފާސްކޮށްފައިވަނިކޮށެވެ.

ޝިދާތާ މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ރައްޔިތުންގެ ސަމާލުކަން ނުލިބި ހުރި އެތައް މައްސަލައެއް އިތުރުވެ ރައްޔިތުން ސަރުކާރާއި އަދި ޖެންޑާ މިނިސްޓްރީ އަށް ކުރަމުން އަންނަ އިތުބާރު ކުޑަވެދާނެތީ މިވަގުތަށް އެންމެ މަސްލަހަތު ހުގި ގޮތަކީ މަގާމުން އިސްތިއުފާ ދެއްވުން ކަމަށެވެ.

ނަމަވެސް މިހާރު ފެންމަތިވެފައިވާ އަދި ފެންމަތިވަމުން އަންނަ މައްސަލަތަކުގައި އޭނާ އާއި އޭނާއާއެކު މަސައްކަތް ކުރި ޓީމުގެ އިހުމާލެއް ނުވާނެ ކަމަށާއި އެފަދަ އިހުމާލެއް ނެތްކަން އެކިއެކި ތަހުގީގުތަކުން ކުރިއަށް އޮތް ތަނުގައި ހާމަވެގެންދާނެ ކަމަށްވެސް ޝިދާތާ ވިދާޅުވިއެވެ.

"އަޅުގަނޑު އުއްމީދުކުރަނީ މިހާރު އަޅާފައިވާ ފިޔަވަޅުތަކާއި ފަށާފައިވާ މަސައްކަތްތަކާ އެކު ކުރިއަށް އޮތް ތަނުގައި މިހާރަށް ވުރެން ހަރުދަނާ ގޮތެއްގައި މި ވުޒާރާ ހިންގި ރާއްޖޭގެ އަންހެނުންނާއި ކުޑަކުދިންނަށް އަދި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ހާލަތު އިތުރަށް ރަނގަޅު ވުމެވެ" ޝިދާތާ ވިދާޅުވިއެވެ.

މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް ސިޔާސީ ދާއިރާގައި އަދި ގައުމަށް ހިދުމަތް ކުރުމުގައި ދެމި ހުންނަވާނެ ކަމަށްވެސް ޝިދާތާ ވިދާޅުވިއެވެ. އަދި ސަރުކާރު ކޯލިޝަނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފުރިހަމަ ތާއީދު އޮތް ކަމަށް ވެސް ޝިދާތާ ވިދާޅުވިއެވެ.

ޝިދާތާ އިސްތިއުފާ ދެއްވުމުން ޖެންޑާ މިނިސްޓަރުގެ މަގާމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަންކުރައްވާފައިވަނީ ރާއްޖެ އިން އިންޑިއާ އަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު އައިޝަތު މުހައްމަދު ދީދީ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!