ދަރިވަރުންގެ މެދުގައި އިލްޙާދީ ފިކުރު ފެތުރުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ދީގެން ނުވާނެ:ޑރ. ޝަހީމް

ދަރިވަރުންގެ ވިސްނުމާއި ފިކުރު އިސްލާމީ ޢަޤީދާއާ ދުރުކޮށް އިލްޙާދީ ފިކުރު ފެތުރުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ދެވިގެން ނުވާނެކަމަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޑރ.ޝަހީމް މިހެން ވިދާޅުވީ މިދިޔަ ހަފްތާގައި އެޑިޔުކޭޝަން މިނިސްޓްރީއާއި ޔުނެސްކޯއާ ގުޅިގެން ދިވެހި ދަރިވަރުންނަށް ހިންގި ޕައިލެޓް ޕްރޮޖެކްޓުގައި މާތް ﷲ ވޮޑިގެންވާކަމާ މެދު ޝައްކު އުފައްދާ ބައެއް ސުވާލުތައް ކުރާ މަންޒަރު ފެންނަ ކާޓޫން ފޮޓޯތަކަކާ އެކު މޮޑިއުލް އެކެއްގެ ސުވާލުތައް ކުރިމަތިކުރުވި ކަމަށް ބުނެ ފެންމަތިވެފައިވާ މައްސަލައާ ގުޅިގެންނެވެ.
"މާތް ﷲ ވޮޑިގެންވާ ކަމާ މެދުގައްޔާއި ކީރިތި ރަސޫލާގެ ނުބުއްވަތާ މެދު ޝައްކު އުފައްދައި ރާއްޖޭގައި ދަރިވަރުންގެ ވިސްނުމާއި ފިކުރު އިސްލާމީ ޢަޤީދާއާ ދުރުކޮށް އިލްޙާދީ ފިކުރު ފެތުރުމުގެ ފުރުޞަތު އެއްވެސް ބަޔަކަށް ދެވިގެން ނުވާނެ ، ކަމާބެހޭ އިދާރާތަކުން އެފަދަ ކަންކަން ހުއްޓުވަންޖެހޭނެ" ޑރ.ޝަހީމްގެ ޓްވީޓްގައި ވިދާޅުވިއެވެ.
އެ ޕްރޮގްރާމަކީ ކޮވިޑާ ގުޅިގެން ކުދިންނަށް ދިމާވި މެންޓަލް ހެލްތުގެ މައްސަލަތަކާ ޑީލްކުރުމަށް ދަރިވަރުންނަށް ދަސްކޮށްދިނުމަށް ހިންގުމަށް ގަސްތުކޮށްގެން ޔުނެސްކޯއިން ހުށަހެޅި ޕްރޮގްރާމެއް ކަމަށާއި އެ ޕްރޮގްރާމުގެ ތިން ކޮންޓެންޓެއްގައި އެފަދަ ސްލައިޑެއް ހިމެނިފައިވާތީ މިނިސްޓްރީން ވާނީ ވަގުތުން އެ ޕްރޮގްރާމުން ވަކިވެފައި ކަމަށް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޕްރޮޖެކްޓުގެ ސްލައިޑްތަކަކީ ފޯކަލް ޕޮއިންޓްތަކަށް ފޮނުވިފައިހުރި އެއްޗެހި ކަމަށާއި އެހެން ނަމަވެސް އެ އެއްޗެހި އެއްވެސް ދަރިވަރަކަށް ދެވިގެން ނުވާނެ ކަމަށް ސްކޫލްތަކަށް ވެސް އަންގައިފައިވާނެ ކަމަށް ވެސް މިިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.