ޚަބަރު

ރައްކާތެރިކަމަށް ސްވަޓް ފުލުހުން ބަޑި ހިފައިގެން އުޅެންޖެހޭ ހާލަތު އަތުވެއްޖެ: ރިޔާޒު

ދެން އެމްވީ ، ދެން އޮންލައިން

ފަތުރުވެރިންނާއި ރައްޔިތުންގެ ރައްކާތެރިކަމަށް ސްވަޓް ފުލުހުން ބަޑި ހިފައިގެން ރަށު ތެރޭގައި ހަރަކާތްތެރިވާންޖެހޭ ހާލަތު މިހާރު އަތުވެފައިވާ ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި މިހާރުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންނާއި ފަތުރުވެރިންގެ ރައްކާތެރިކަމަށް ވަގުތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ސްވަޓް ފުލުހުން ފިސްތޯލަ ހިފައިގެން ރަށު ތެރޭގައި ހަރަކާތްތެރިވާންޖެހޭ ހާލަތު އައިސްފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"ފުލުހުން ބާރުވެރި ކުރެވިގެން ގައުމު އަމާން ކުރެވޭނީ" ރިޔާޒު ވިދާޅުވިއެވެ.

ރިޔާޒު މިހެން ވިދާޅުވެފައިވާއިރު، މިދިޔަ އަންގާރަ ދުވަހުގެރޭ ހުޅުމާލޭގައި ތިން ފަތުރުވެރިޔަކަށް ދިން ވަޅީގެ ހަމަލާގެ ތުހުމަތު ކުރެވެނީ ހަރުކަށި ފިކުރަށް ނިސްބަތްވާ ބަޔަކަށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ ހަމަލާއާ ގުޅިގެން ފަސް މީހަކު ހައްޔަރުކޮށްފައިވާއިރު، އެ ހަމަލާގެ ޒިންމާ އައިއެސް ޖަމާއަތުގެ ރާއްޖޭގެ ގޮފިން ނެގިކަމަށް ބުނާ ވީޑިއޯއެއް ވަނީ އާންމުވެފައެވެ. މޫނު ފޮރުވައިގެން ތިބި ތިން މީހަކު މި ވީޑިއޯ އިން ފެންނައިރު، އެ ފަރާތްތަކުން ވަނީ އިތުރު ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ވެސް ދީފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!