ޚަބަރު

ދީނުގެ ނަމުގައި އަނިޔާވެރިވުމަށް ޖާގައެއް ނެތް، ފިޔަވަޅު އަޅާނަން: ޕީޖީ

ދެން އެމްވީ ، ދެން އޮންލައިން

އިސްލާމްދީނުގެ ނަމުގައި އަނިޔާވެރިވުމާއި މީހުންނަށް ހަމަލާ ދިނުމަށް މި ދިވެހި އިސްލާމީ މުޖުތަމައުގައި އެއްވެސް ޖާގައެއް ނޯންނާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

Ads by MWSC

ޝަމީމް މިހެން ވިދާޅުވެފައި މިވަނީ މިދިޔަ އަންގާރަ ދުވަހުގެރޭ ހުޅުމާލޭގައި ތިން ފަތުރުވެރިޔަކަށް ދިން ވަޅީގެ ހަމަލާގެ ތުހުމަތު ކުރެވެނީ ހަރުކަށި ފިކުރަށް ނިސްބަތްވާ ބަޔަކަށް ކަމަށް ފުލުހުން ބުނެފައިވަނިކޮށެވެ.

އެ ހަމަލާއާ ގުޅިގެން ފަސް މީހަކު ހައްޔަރުކޮށްފައިވާއިރު، އެ ހަމަލާގެ ޒިންމާ އައިއެސް ޖަމާއަތުގެ ރާއްޖޭގެ ގޮފިން ނެގިކަމަށް ބުނާ ވީޑިއޯއެއް ވަނީ އާންމުވެފައެވެ. މޫނު ފޮރުވައިގެން ތިބި ތިން މީހަކު މި ވީޑިއޯ އިން ފެންނައިރު، އެ ފަރާތްތަކުން ވަނީ އިތުރު ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ވެސް ދީފައެވެ.

މި މައްސަލައާ ގުޅިގެން ޕީޖީ ޝަމީމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިސްލާމްދީނުގެ ނަމުގައި، އަނިޔާވެރިވެ، މީހުންނަށް ހަމާލާ ދީ ހެދުމަކީ އިސްލާމް ދީނާ ބީރައްޓެހި ކަމެއް ކަމަށެވެ.

"އިސްލާމްދީނުގެ ނަމުގައި، އަނިޔާވެރިވެ، މީހުންނަށް ހާމާލާ ދީ ހެދުމަކީ އިސްލާމް ދީނާ ބީރައްޓެހި ކަމެއް. އެފަދަ ކަންކަމަށް ދިވެހި އިސްލާމީ މުޖްތަމަޢުގައި އެއްވެސް ޖާގައެއް ނޯންނާނެ. ޖިިނާއީ ޢަދުލުގެ ނިޒާމުން، އެމީސްމީހުންނާމެދު ފިޔަވަޅު އަޅައި، އަމަން އަމާންކަން ޤާއިމުކޮށްދޭނަން." ޝަމީމް ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ އިރު އާންމުކޮށްފައިވާ ވީޑިއޯގެ ސައްހަކަން ބަލަމުން އަންނަ ކަމަށާއި ގުޅުން ހުރި އެހެން އިދާރާތަކާ އެކު ތަހުގީގު ކުރިއަށްދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!