އިންޑިއާގައި ކަރަންޓީން ކުރި ހަތް ދިވެހިން ވެސް ކޮރޯނާވައިރަހަށް ނެގެޓިވް
ޗައިނާގެ ވޫހާން އިން އިންޑިއާ އަށް ގެންގޮސް ކަރަންޓީނު ކުރި ހަތް ދިވެހިން ވެސް ނޮވެލް ކޮރޯނާވައިހަށް ނެގެޓިވް ކަމަށް ޑިފެންސް މިނިސްޓަރު މާރިއާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.
ރަސްމީ ދަތުރެއްގައި އިންޑިއާ އަށް ވަޑައިގެން އުޅުއްވަމުން ޑިފެންސް މިނިސްޓަރު މާރިއާ އެގައުމުގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ކަރަންޓީނުކޮށްފައި ތިބި މީހުންގެ ތެރޭގައި ކުޑަކުއްޖެއް ވެސް އެބަހުރި ކަމަށާއި އެކުއްޖާ އާއި އެހެން މީހުންނާ މެދުގައި ވެސް އިންޑިއާ އިން ވަރަށް ރަނގަޅަށް ކަންތައްތައް ކުރަމުން އަންނަ ކަމަށެވެ.
ކޮރޯނާވައިރަސް ފެތުރޭތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ސަރުކާރުން އެކުލަވާލާވައިވާ ޓާސްކްފޯހުން ވެސް މިއަދު ބުނީ އެ ހަތް މީހުން ވެސް ވައިރަސް އަށް ނެގެޓިވް ވެފައިވާ ކަމަށާއި ނަަމަވެސް ކުރިން ކަނޑައަޅާފައިވާ ގޮތަށް، 14 ދުވަސް ވަންދެން އެ މީހުން ތިބޭނީ ކަރަންޓީނުކޮށްްފައި ކަމަށެވެ.
ޗައިނާގެ ވޫހާން އިން ފެނުނު ގޮތް ނޭނގޭ ކޮރޯނާވައިރަސް ފެތުރެން ފެށުމުން އެ ތަނުގައި ތިބި ހަތް ދިވެހިން އިންޑިއާ އަށް ގެންދިޔައީ އިންޑިއާ ސަރުކާރުގެ އެހީގަ އެވެ. ވޫހާންގައި ތިބި އިންޑިއާ މީހުންނާ އެކު އެ މީހުން ގެންގޮސް ކަރަންޓީނުކޮށްފައި ތިބީ އިންޑިއާ ސިފައިންގެ މަރުކަޒެއްގައި ހަދާފައިވާ ކަރަންޓީނު ފެސިލިޓީއެއްގަ އެެވެ.
ވައިރަސް ފެތުރެން ފެށި އިރު ވޫހާންގައި ތިބީ ނުވަ ދިވެހިންނެވެ. އެކަމަކު އޭގެ ތެރެއިން ރާއްޖެ އަށް އަންނަން އެދުނީ ހަތް މީހުންނެވެ.