ޚަބަރު

ފުލުހުންނަށް ފިސްތޯލަ ދިނުމަކީ ގޯހެއް: ދީދީ

ދެން އެމްވީ ، ދެން އޮންލައިން

ފުލުހުންނަށް ނުރައްކާތެރި ހަތިޔާރު ހަވާލުކުރުމަކީ ސަރުކާރުން ހަދާނެ އެންމެ ބޮޑު ގޯސް ކަމަށް މާލޭ އޭރިޔާގެ ކުރީގެ ކޮމާންޑަރު އިބްރާހިމް މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

Ads by STELCO

އިބްރާހިމް ދީދީ މިހެން ވިދާޅުވީ ރައްޔިތުންނާއި ފަތުރުވެރިންގެ ރައްކާތެރިކަމަށް ވަގުތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ސްވޮޓް ފުލުހުން ފިސްތޯލް ހިފައިންގެ ރަށުތެރޭގައި ހަރަކާތްތެރިވާންޖެހޭ ހާލަތަށް އަތުވެއްޖެ ކަމަށް ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒް ވިދާޅުވުމާއި ގުޅިގެންނެވެ.

ދީދީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފިސްތޯލާ ހިފައިގެން ނިކުންނަންވީ ސިފައިން ކަމަށާއި މިއީ އެހެން ގައުމަކާއި ހަނގުރާމަ ކުރަން ދުވަހަކުވެސް ޖެހޭނެ ގައުމެއް ނޫން ކަމަށެވެ. އަދި ސަލާމަތީ ހިދުމަތްތައް ރޭވިފައިވާ ގޮތުން ލީތަލް ހަތިޔާރާއި އެކު ނިކުންނަން ވާނީ ދިފާއީ ބާރުން ކަމަށްވެސް ދީދީ ވިދާޅުވިއެވެ.

"ރާއްޖޭގެ ފުލުހުންނަށް ލީތަލް ހަތިޔާރު ހަވާލުކުރުމަކީ ސަރުކާރުން ހަދާނެ އެންމެ ބޮޑު އެއް ގޯސް" ދީދީ ވިދާޅުވިއެވެ.

⁩ދީދީ ވިދާޅުވީ މިހާރުން މިހާރަށްވެސް ކުރަންޖެހޭ ކަމަކީ ފުލުހުންނަށް ލީތަލް ހަތިޔާރު ހޯދަން ގޮވަންނުޖެހޭ މިންވަރަށް ސިފައިން ނިކުމެ ގައުމު އަމާން ކުރުން ކަމަށެވެ.

ރިޔާޒު އެފަދަ ކަމަކަށް ގޮވާލާފައިވަނީ މިދިޔަ އަންގާރަ ދުވަހުގެރޭ ހުޅުމާލޭގައި ބޭރު ބަޔަކަށް ދިން ވަޅީގެ ހަމަލާގެ ތުހުމަތު ކުރެވެނީ ހަރުކަށި ފިކުރަށް ނިސްބަތްވާ ބަޔަކަށް ކަމަށް ފުލުހުން ބުނެފައިވަނިކޮށެވެ.

ހުޅުމާލޭގައި ދިން ވަޅީގެ ހަމަލާ އާ ގުޅިގެން ފުލުހުން ރޭ ބޭއްވި ނިއުސް ބްރީފިންގައި ބުނީ، އެ މައްސަލައާއި ގުޅިގެން މިހާތަނަށް ހަ މީހަކު ހައްޔަރު ކޮށްފައި ކަމަށެވެ. ހައްޔަރުކޮށްފައިވަނީ މުޅިންވެސް ދިވެހިންނެވެ. އަދި މި ހަމަލާދީފައިވަނީ ހަރުކަށި ފިކުރުގެ ބައެއް ކަމަށް ވަރަށް ބޮޑަށް ތުހުމަތު ކުރެވޭ ކަމަށް ފުލުހުން ބުނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!