ޚަބަރު

ހިންމަފުށީގެ ވޯޓު ފޮށި ކުރިން ގުނުނީ އޮޅުމަކުން: ޕީޕީއެމް

ދެން އެމްވީ ، ދެން އޮންލައިން

މިއަދު ކުރިއަށްދިޔަ އިދިކޮޅު ޕީޕީއެމް ޕްރައިމަރީގެ ވޯޓު ފޮށިތައް ގުނަން ހަމަޖެހިފައިވާ ގަޑި ޖެހުމުގެ ކުރިން، ކ. ހިންމަފުށީގައި ބެހެއްޓި ވޯޓު ފޮށި ގުނައި ވަގުތީ ނަތީޖާ އިއުލާންކުރެވުނީ އޮޅުމަކުން ކަމަށް އެ ޕާޓީން ބުނެފިއެވެ.

Ads by Sosun Fihaara

ކުރިން ހަމަޖެހިފައި އޮތް ގޮތުން ޕީޕީއެމްގެ ވޯޓުލުން ކުރިއަށް ގެންދިޔުމަށް ނިންމާފައިވަނީ މިރޭ 6:00 އާއި ހަމައަށެވެ. ނަމަވެސް ފަހުން ވަނީ އެ ވަގުތު މިރޭ 8:00 އާއި ހަމައަށް އިތުރުކޮށްފައެވެ. އަދި ވޯޓު ގުނަން ފަށަން ހަމަޖައްސާފައި އޮތީ މިރޭ 9:00 ގައެވެ.

ނަމަވެސް ހިންމަފުށީގައި ބެހެއްޓި ވޯޓު ފޮށި ގުނައި މިހާރު ވަނީ ނަތީޖާ ވެސް އިއުލާންކޮށްފައެވެ. އެ ނަތީޖާ ދައްކާގޮތުން ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލަށް ލިބިފައިވަނީ 84 ވޯޓެވެ. އޭނާއާ ވާދަކުރި އިބްރާހިމް ރައޫފަށް ލިބިފައި ވަނީ 17 ވޯޓެވެ.

މިކަމާ ގުޅޭގޮތުން ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ހިންމަފުށީގެ ވޯޓު ފޮށި ކުރިން ގުނާފައި ވަނީ އޮޅުމަކުން ކަމަށް ވެދާނެ ކަމަށެވެ. އަދި ވޯޓު ފޮށި ގުނަން ކަނޑައަޅާފައިވާ ގަޑިއަކީ މިރޭ 9:00 ކަމަށް އޭނާ ވިދާޅުވިއެވެ.

ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން މިހާރު ނިމިފައިވާއިރު، މިހާރު ކުރިއަށް ދަނީ ވޯޓު ގުނުމުގެ މަސައްކަތެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!