ޚަބަރު

ނަޝީދު ޅެންބައިތަކުން: ޗިސް ޗިސް ކޮށް ފިސް ފިސް ކޮށްލިޔަސް ބާޣީ އަކަށް ނުވާނަން

ދެން އެމްވީ ، ދެން އޮންލައިން

ޗިސް ޗިސް ކޮށް ފިސް ފިސް ކޮށްލިޔަސް ބާޢީ އަކަށް ނުވާނެ ކަމަށް ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ނަޝީދުގެ ވެރިކަން 2012 ވަނަ އަހަރު ވެއްޓުނުތާ މިއަދަށް އަށް އަހަރު ފުރުމާ ދިމާކޮށް އެމްޑީޕީގެ މެމްބަރުން ދަނީ ހިތްދަތި ހަނދާންތައް އާކުރަމުންނެވެ.

ނަޝީދު އިސްތިއުފާ ދެއްވީ ސިފައިންނާއި ފުލުހުންގެ ތެރެއިން ބަޔަކާއި އާންމުންގެ ބަޔަކު ނުކުމެ އެމަނިކުފާނުގެ އިސްތިއުފާ އަށް ގޮވައި ހިންގި ބޮޑެތި ހަމަނުޖެހުންތަކުގެ ތެރޭގަ އެވެ. ނަޝީދުގެ އިސްތިއުފާއާ އެކު، ދެން ވެރިކަމާ ހަވާލުވެވަޑައިގަތީ އެމަނިކުފާނުގެ ނައިބުގެ ގޮތުގައި ހުންނެވި މުހައްމަދު ވަހީދެވެ.

ދުވަހާއި ގުޅިގެން ނަޝީދު މިއަދު ޓްވީޓް ކުރެއްވީ ޅެން ބައިތަކުންނެވެ. "މަ ޗިސް ޗިސް ކޮށްލިޔަސް، ފިސް ފިސް ކޮށްލިޔަސް ނެތޭ ވެވޭކަށް ބާޣީ އަކަށް." ނަޝީދު ވިދާޅުވިއެވެ.

"ފެބްރުއަރީ 7" އެއީ އޭރުގެ އިދިކޮޅުން ނަޝީދުގެ ސަރުކާރާ ދެކޮޅަށް ބަޣާވާތް ކުރި ދުވަސް ކަމަށް އެމްޑީޕީ އާއި ނަޝީދާއި އެމަނިކުފާނުގެ ސަޕޯޓަރުން ގަބޫލުކުރިޔަސް އެ ވިސްނުމާ ދެކޮޅު މީހުން ދެކޭގޮތުގައި އެއީ ރައްޔިތުންނަށް ނަސްރު ލިބުނު ދުވަހެކެވެ. އަދި ވަހީދުގެ ސަރުކާރުން ހިންގި އިންކުއަރީ އަކަށް ފަހު އެއީ ބަޣާވާތެއް ނޫން ކަމަށް ވަނީ ނިންމައިފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!