ޚަބަރު

"ޖޯޝު"ގައި ނުޖެހި ޕީޕީއެމަށް ޕްރައިމަރީ ނިންމައިލެވުމަކީ ބޮޑު ކާމިޔާބެއް: ޣައްސާން

ދެން އެމްވީ ، ދެން އޮންލައިން

"ޖޯޝު"ގައި ނުޖެހި ޕްރައިމަރީ ނިންމައިލެވުމަކީ ޕީޕީއެމަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެއް ކަމުގައި ގުރައިދޫ ދާއިރާގެ މެންބަރު، އަދި ޕީޕީއެމްގެ ނައިބު ރައީސް މުޙައްމަދު ޣައްސާން މައުމޫނު ވިދާޅުވެއްޖެއެވެ.

Ads by STELCO

އެމްޑީޕީގެ ޕްރައިމަރީގައި މައްސަލަތައް ގިނަވެ، ހަމަނުޖެހުން ބޮޑުވެ، ބައެއް ދާއިރާތަކުގެ ވޯޓު ފޮށިތައް އަންދާލާފައިވެއެވެ. އެކަމާ ގުޅިގެން އެމްޑީޕީގެ ރައީސް އަދި ރައްޔިތުން މަޖިލިހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެފައިވަނީ އެއީ މައްސަލައެއް ނޫން ކަމުގައާއި ވޯޓު ފޮށިތަކުގައި ރޯކޮށް ހުޅުޖެހީ ޖޯޝުގައި ޖެހިގެން ކަމުގައެވެ.

ޕީޕީއެމްގެ ޕްރައިމަރީ ނިންމާލުމަށް ފަހު ކުރެއްވި ޓްވީޓެއްގައި ޣައްސާން ޕްރައިމަރީ ކާމިޔާބު ކުރެއްވި ހުރިހާ ބޭފުޅުންނަށް ވަރަށް އިހްލާސްތެރި މަރުހަބާއެއް ދަންނަވާފައެވެ.

"ނާކާމިޔާބުވި ބޭފުޅުން ދައްކަވަމުން ތިޔަ ގެންދަވާ ޕާޓީ ރޫހަށް އައްސަރިބަހާއި ސާބަސް ދަންނަވަން. "ޖޯޝުގައި" ނުޖެހި ޕީޕީއެމް އަށް ޕްރައިމަރީ ނިންމާލެވުމަކީ ބޮޑު ކާމިޔާބީ އެއް." ޣައްސާން ވިދާޅުވިއެވެ.

ޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މާލޭގެ އިތުރުން 42 ރަށެއްގައި ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން މި އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓު ހޯދަން 1100 މީހަކު ކުރިިމަތިލާފައިވާ ކަމަށް ކުރިން އެ ޕާޓީން ބުނެފައިވެ އެވެ.

އެގޮތުން އަތޮޅު ކައުންސިލާއި ދެ ސިޓީ ކައުންސިލް ހިމެނޭ ގޮތަށް ޖުމްލަ 134 ވޯޓު ފޮށްޓެއް ބަހައްޓާފައިވާއިރު ޕްރައިމަރީއެެއް ބާއްވަން ޖެހޭ ވަރަށް ކެންޑިޑޭޓުން ކުރިމަތިލާފައި ނުވާތީ މާލެ އާއި އައްްޑޫ ސިޓީ ކައުންސިލަށް ކެންޑިޑޭޓުން ހޮވުމަށް ޕްރައިމަރީ ނޯންނާނެ ކަމަށް ޕީޕީއެމުން ވަނީ ހާމަކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!