ޚަބަރު

ކައްޕި ގެއްލުނު ހާދިސާގައި ފެނުނު ތުވާލީގައި ހުރީ ލެޔެއް ނޫން: ފުލުހުން

ދެން އެމްވީ ، ދެން އޮންލައިން

މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅު ކ.އަތޮޅު ކާގި ކައިރިއަށް ފަރަށް އެރި ދޯންޏަކުން ގެއްލުނު ކައްޕި ހޯދަން ކޯސްޓްގާޑުން ބަލަމުން އަންނަ ސަރަހައްދުން ފެނުނު ތުވާއްޔާއި ވަޅީގައި ހުރީ ލެޔެއް ނޫން ކަމަށް ފުލުހުން ބުނެފިއެވެ.

Ads by STELCO

ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު މިއަދު ވިދާޅުވީ މި މައްސަލައާ ގުޅިގެން ތަހުގީގުގައި ސުވާލުކުރަންޖެހޭ ފަރާތްތަކާއި ސުވާލުކޮށް ބަޔާންތައް ވަނީ ނެގިފައި ކަމަށާއި އަދި އިތުރަށް ބަލަންޖެހޭ ކަންކަން ބަލައި ހެކި ހޯދުމުުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަދި އެމްއެންޑީއެފުން އެ ސަރަހައްދުގެ ކަނޑު އަޑިން ހޯދާފައިވާ ތުވާއްޔާއި ވަޅީގައި ހުރީ ލެޔެއް ނޫން ކަމާއި އެއީ ދަވާދާއި ތެރަހެއް ކަމަށް މިހާތަނަށް ފުލުހުން ކުރި ތަހުލީލުތަކުން އެނގިފައިވާ ކަމަށްވެސް އިޒްމިއާ ވިދާޅުވިއެވެ. އަދި ކަނޑު އަޑިން ފެނުނު ތަކެއްޗާއި އެ ދޯނިން ގެއްލުނު އުމުރުން 37 އަހަރުގެ ދިވެހި ކައްޕިއާ ގުޅުމެއް ވޭތޯ ބަލަމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން ފުލުހުން ބެލި ބެލުމުން އެ ދޯނީގައި ތިބީ ދެ ދިވެހިންނާއި ދެ ބިދޭސީން ކަމަށާއި ދޯނީގައި ތިބި މީހުންނާ ސުވާލުކޮށް ބަޔާންތައް ނެގިފައިވާ ކަމަށްވެސް އިޒްމިއާ ވިދާޅުވިއެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!