ޚަބަރު

ސަރުކާރު ހަފްލާއެއް ހުށަހަޅައިދިން މައްސަލާގައި މަރީ ކޮމެޓީއަށް ހާޒިރުކުރަނީ

ދެން އެމްވީ ، ދެން އޮންލައިން

ޓޫރިޒަމް މިނިސްޓްރީގެ ހަފްލާއެއް ހުށަހެޅި މައްސަލައަކާއި ގުޅިގެން ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސާ މަރިޔަމް ވަހީދާ ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ހާޒިރު ކުރުމަށް ނިންމައިފިއެވެ.

Ads by Sosun Fihaara

ބުދަ ދުވަހު ބާއްވާ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމަށް މަރީ ހާޒިރު ކުރަން ނިންމީ، މި ސަރުކާރުގެ ފުރަތަމަ އަހަރު ދުވަހުގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާ އިން ހާސިލު ކުރެވުނު ކަންކަން ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ހަފުލާއެއް ހުށަހަޅުއްވައި، އެ ހަފުލާގައި ސަރުކާރަށް ތައުރީފުކޮށް މަރީ ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ.

އެ ޖަލްސާ މަރީ ހުށަހަޅައިދިން އިރު މަޖިލިސް އޮތީ ޗުއްޓީގައެވެ. ނަމަވެސް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރު އަދި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އޭރު ވަނީ އާ ދައުރަށް މަޖިލިސް ހުޅުވުން އެ މައްސަލަ ބަލަން ފަށާނެ ކަމަށް ވިދާޅުވެފަ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބޭއްވި ހަފްލާއެއް ހުށައަޅައި ދެއްވާ، ސަރުކާރަށާއި ވަޒީރުންނަށް ވަރަށް ބޮޑަށް ތައުރީފް ކުރެއްވި މައްސަލާގައި މަރީއަށް ވަނީ ގިނަ ބަޔެއްގެ ފާޑުކިޔުންތައް އަމާޒުވެފައެވެ. ކުރީ ސަރުކާރުގައި ވެސް މިފަދަ އަމަލުތަކެއް ފެނި އޭރުގެ ބްރޯޑްކޮމްގެ އިތުބާރު ގެއްލިފައިވާ ކަމަށް މިސަރުކާރުގެ އިސް ބޭފުޅުން ވަނީ ބުނެފައެވެ.

މި މައްސަލާގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ މަރީގެ ދިފާއުގައި ވާހަކަ ދައްކަވައިފަ އެވެ. އަލީ ވަހީދު ވިދާޅުވެފައި ވަނީ، ސަރުކާރުން ބާއްވާ ހަފުލާތަކުގައި ބައިވެރިވުމަކީ ބްރޯޑްކޮމްގެ މެންބަރެއްގެ އުސޫލީ މިންގަނޑާ ހިލާފު ކަމެއް ނޫން ކަމަށާއި އެއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!