ފަތުރުވެރިންނަށް ހަމަލާ ދިނުމުގައި އެންމެ އިސްކޮށް އުޅުނު މީހާ ހައްޔަރުކޮށްފި
މިދިޔަ އަންގާރަ ދުވަހުގެރޭ ހުޅުމާލޭގައި ބޭރު ބަޔަކަށް ވަޅިން ހަމަލާ ދިނުމުގައި އެންމެ އިސްކޮށް އުޅުނު މީހާ ހައްޔަރުކުރެވިފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ހުޅުމާލޭގެ އެ ހަމަލާގައި އަނިޔާވެފައިވަނީ ޗައިނާގެ ދެ މީހަކަށާއި އޮސްޓްރޭލިއާގެ މީހަކަށެވެ. މީގެތެރެއިން ޗައިނާގެ އެކަކަކީ ފަތުރުވެރިއެކެވެ. އަދި އަނެއް ދެ މީހުންނަކީ ރާއްޖޭގައި މަސައްކަތް ކުރާ ދެ މީހުންނެވެ.
އެ ހަމަލާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިނުވާއިރު، އެ ތިން މީހުންނަށް ހަމަލަދިނީ ހެލްމެޓް އަޅައިގެން ސައިކަލްގައި ދިޔަ ދެ މީހަކު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލާގައި މިހާތަނަށް ހަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވާއިރު ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ މިކަމުގައި އެންމެ އިސްކޮށް އުޅޭ މީހާގެ އިތުރުން އެކަމުގައި ބައިވެރިވި މީހުން ފުލުހުން ބަންދުކޮށްފައިވާ ކަމަށެވެ.
"އެކަން ކުރުމުގައި، ރޭވުމުގައި އެންމެ އިސްކޮށް ހުރި އެއް ފަރާތް އަޅުގަނޑުމެން ވާނީ ބަންދުކޮށްފައި. އަދި ދެންވެސް އެކަމުގެ ތެރޭގައި އުޅޭ ބައެއް މީހުން އެތިބި ބަންދު ކުރެވިފައި" އިމްރާން ވިދާޅުވިއެވެ.
އިމްރާން ވިދާޅުވި ގޮތުގައި އެކަން ރޭވި މީހުންގެ ވިސްނުންހުރީ ވަރަށް ފުޅާކޮށް އެއަމަލު ހިންގުމަށް ކަމަށާއި ނަމަވެސް ހަމަލާ އިންތިޒާމުކުރި ފަރާތްތަކުން ބޭނުންވި ފުޅާމިނުގައި އެކަން ނުކުރެވުނީ ރާއްޖޭގެ ސަލާމަތީ ބާރުތަކުން، ޚާއްސަކޮށް ފުލުހުން އަޅާފައިވާ ހަރުދަނާ ބައެއް ފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ އެއަމަލު ހިންގުމާއެކު އެކަށީގެންވާ ވަގުތެއްގެ ތެރޭގައި އެކަމުގައި ހިމެނޭ ފަރާތްތައް ފުލުހުން ހައްޔަރުކުރިކަމަށާއި އެއާއެކު ދެން އާންމުކުރި ވީޑިއޯއާގުޅޭ މުހިއްމު ގިނަ މައުލޫމާތުތަކެއް ފުލުހުން މިހާރު ހޯދާފައިވާކަމަށެވެ.
"ކޮންމެއަކަސް އެވީޑިއޯއާގުޅޭ ގިނަ މައުލޫމާތުތަކެއް އަޅުގަނޑުމެންނަށް ހޯދިއްޖެ. އެހެން ނަމަވެސް އެކަމުގައި ބަލަންޖެހޭ މުހިއްމު ކަންތައްތަކެއް އެބަހުރި. އެ ވީޑިއޯގައި ބިރުވެރިކަން ގެނައުމައްޓަކައި އެހާމަކުރި ހާމަކުރުން، ނުވަތަ އެވިސްނި ވިސްނުން އެގޮތަށް ކުރިއަށް ނުގެންދެވޭނެކަމާ ދޭތެރޭ ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ޔަގީންކަން އެބައޮތް" އިމްރާން ވިދާޅުވިއެވެ.