ޚަބަރު

ޓޫރިސްޓު ހައްޔަރު ކުރި ގޮތުން ރާއްޖޭގެ ރީތި ނަން ހަރާބުވާނެ: ނަޝީދު

ދެން އެމްވީ ، ދެން އޮންލައިން

ކ. މާފުށީގައި ފަތުރުވެރިއަކު ހައްޔަރު ކުރި ގޮތުން ރާއްޖޭގެ ރީތި ނަން ހަރާބުވެ ގެއްލުންވާނެ ކަމަށް ކުރީގެ ރައީސް އަދި މިހާރު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

Ads by STELCO

މިދިޔަ ހުކުރު ދުވަހު ހަވީރު މާފުށި މަގުމަތީގައި ފަތުވެރިޔާ ނިވާކަން ކުޑަ ހާލުގައި ރަށު ތެރޭގައި ހިނގާފައި ދަނިކޮށް ފުލުހުން ވަނީ އޭނާ ހުއްޓުވައިފަ އެވެ. އަދި އެއީ މަނާ ކަމެއްކަން އަންގައި ނަސޭހަތް ދިނުމުން ވެސް އެކަމާ ދެކޮޅު ހެދުމުން ފުލުހުން އެ ފަތުރުވެރިޔާ ހައްޔަރު ކުރި އެވެ. އޭނާ ހައްޔަރު ކުރި ވަގުތު އެކަމާ ދެކޮޅު ހަދަން އުޅުމުން ބާރުގެ ބޭނުންކޮށްގެން ހައްޔަރު ކުރަން އުޅޭ ވީޑިއޯ ވަނީ އާންމުވެފަ އެވެ.

އެ މައްސަލައާ ގުޅިގެން ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާފުށީގައި ފަތުރުވެރިއަކު ހައްޔަރު ކުރީ ގޯހުން ނޫން ކަމަށް ދެކެވުމަކީ ކަންބޮޑުވުމެއް ކަމަށެވެ. އަދި ހާލަތާ ނުބައްދަލު ބާރު ބޭނުން ކުރުމާއި އަންހެނެއްގެ ގަޔަށް ބޮލަށް ފިރިހެން ފުލުހަކު އެރުން ފަދަ ކަންކަމަކީ ރާއްޖޭގެ ރީތި ނަން ހަރާބުވެ ފަތުރުވެރިކަމުގެ ވިޔަފާރިއަށް ގެއްލުންވާ ކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ނަމަވެސް ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ އެ އެއަށްވުރެ ރަނގަޅަށް އެ ހާލަތު ކޮންޓްރޯލް ކުރެވޭނެ ކަމަށާއި ނަމަވެސް އެ ގޮތަށް އެހެން ނުވުމުން ހިތާމަ ކުރައްވާ ކަމަށެވެ. އަދި ސަލާމަތީ ނަޒަރުން ބަލާނަމަ އެ ހާލަތުގައި ފުލުހުން އަމަލު ކުރީ އެހާ ގޯސް ކަމަށް ދެންނެވޭކަށް ނެތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!