މާފުށީގައި ފަތުރުވެރިޔާ ހައްޔަރު ކުރީ ގޯސްކޮށެއް ނޫން: އިމްރާން
މާފުށީގައި މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރުގެ ވަގުތެއްގައި އަންހެން ފަތުރުވެރިއަކު ހައްޔަރުކުރުމުގައި ފުލުހުން އަމަލުކުރީ ގޯސްކޮށް ކަމަށް ދެންނެވެން ނެތް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
މިދިޔަ ހުކުރު ދުވަހު ހަވީރު މާފުށި މަގުމަތީގައި ފަތުވެރިޔާ ނިވާކަން ކުޑަ ހާލުގައި ރަށު ތެރޭގައި ހިނގާފައި ދަނިކޮށް ފުލުހުން ވަނީ އޭނާ ހުއްޓުވައިފަ އެވެ. އަދި އެއީ މަނާ ކަމެއްކަން އަންގައި ނަސޭހަތް ދިނުމުން ވެސް އެކަމާ ދެކޮޅު ހެދުމުން ފުލުހުން އެ ފަތުރުވެރިޔާ ހައްޔަރު ކުރި އެވެ. އޭނާ ހައްޔަރު ކުރި ވަގުތު އެކަމާ ދެކޮޅު ހަދަން އުޅުމުން ބާރުގެ ބޭނުންކޮށްގެން ހައްޔަރު ކުރަން އުޅޭ ވީޑިއޯ ވަނީ އާންމުވެފަ އެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ ސަލާމަތީ ނަޒަރުން ބަލާއިރު ފުލުހުން އަމަލުކުރީ ވަރަށް ގޯސްކޮށް ކަމަށް ދެންނެވެން ނެތް ކަމަށެވެ. އެކަމަކު އެ ހާލަތު އެއަށް ވުރެ ރަނގަޅަށް ކޮންޓްރޯލް ކުރެވިދާނެކަން ފާހަގަކުރައްވަމުން މިނިސްޓަރު ވަނީ އެކަން އެގޮތަށް ނުވީތީ ހިތާމަ ކުރައްވާ ކަމަށް ވެސް ވިދާޅުވެފަ އެވެ.
ފުލުހުން ބުނި ގޮތުގައި މާފުށީ މަގުމަތީގައި މަސްތުގެ ހާލުގައި ނިވާކަން ކުޑަކޮށް ހުރި ފަތުރުވެރި އަންހެނަކު އުޅެމުންދާކަމުގެ ޝަކުވާ ފުލުހުންނަށް ލިބުމުން އޭނާ ހުއްޓުވުމަށް މަސައްކަތް ކުރިއިރު އޭނާ ވަނީ ނުކިޔަމަންތެރިކަން ދައްކާފަ އެވެ. އެހެންވެ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނީ ބިޑި އަޅުވައިގެންނެވެ.
އެމީހާ ހައްޔަރުކޮށްގެން ގެންދާ ގޮތުގެ ވީޑިއޯ އެދުވަހު އާންމުވެ ގިނަ ބަޔަކު ވަނީ ފުލުހުންނަށް ފާޑުކިޔުންތައް އަމާޒުކޮށްފަ އެވެ. އެގޮތުން އަންހެން ފުލުހަކު ނެތި، އަންހެނަކު ހައްޔަރުކުރަން މަސައްކަތް ކުރުމުން ގިނަ ބަޔަކު ފާޑުކިޔެވެ.
އިމްރާން މިހެން ވިދާޅުވި ނަމަވެސް ކުރީގެ ރައީސް އަދި މިހާރު ރައްޔިތުން މަޖިލީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވީ މާފުށީގައި ފަތުރުވެރިއަކު ހައްޔަރު ކުރީ ގޯހުން ނޫން ކަމަށް ދެކެވުމަކީ ކަންބޮޑުވުމެއް ކަމަށެވެ. އަދި ހާލަތާ ނުބައްދަލު ބާރު ބޭނުން ކުރުމާއި އަންހެނެއްގެ ގަޔަށް ބޮލަށް ފިރިހެން ފުލުހަކު އެރުން ފަދަ ކަންކަމަކީ ރާއްޖޭގެ ރީތި ނަން ހަރާބުވެ ފަތުރުވެރިކަމުގެ ވިޔަފާރިއަށް ގެއްލުންވާ ކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.