ޝިދާތާ އިސްތިއުފާދެއްވުން ބަލައިގަންނަނީ ހިތްވަރުގަދަ އަމަލެއްގެ ގޮތުގައި: އަދާލަތު
ޖެންޑާ މިނިސްޓަރު ކަމުން ޝިދާތާ ޝަރީފް އިސްތިއުފާދެއްވި ދެއްވުން ބަލައިގަންނަނީ ވަރަށް ހިތްވަރުގަދަ އަމަލެއްގެ ގޮތުގައި ކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ.
އަދާލަތު ޕާޓީން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ޖެންޑާ މިނިސްޓަރުކަމުގެ މަގާމުން ޝިދާތާ ޝަރީފް އިސްތިއުފާ ދެއްވުން ބަލައިގަންނަނީ ވަރަށް ހިތްވަރުގަދަ އަމަލެއްގެ ގޮތުގައި ކަމަށެވެެ. ހާއްސަކޮށް އިސްތިއުފާ ދެއްވި ސަބަބު ކަމުގައިވާ ޖެންޑާ މިނިސްޓްރީގެ އިތުބާރު ދެމެހެއްޓުމަށް ފުރުސަތު ދެއްވި ދެއްވުމަކީ އަދާލަތުން އުފަލާއެކު ބަލައިގަންނަ ކަމެއް ކަމަށް ބުނެއެވެ.
އަންހެނުންނާއި ކުޑަކުދިން އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާ ގުޅޭ މައްސަލަތަކުގެ ވާހަކަ ގިނަ ބަޔަކު ދައްކާ އެފަދަ ކަންކަން ހައްލު ކުރުމަށް ރައްޔިތުން ހޭލުންތެރިވުމުގެ އިތުރުން އެފަދަ މައްސަލަތައް ހައްލު ކުރުމަށް ކުރައްވާފައިވާ ބުރަ މަސައްކަތާއި އަޅުއްވާފައިވާ ފިޔަވަޅުތަކަކީ ވަރަށް ކާމިޔަބު ފިޔަވަޅުތަކެއް ކަމަށް އަދާލަތު ޕާޓީން ބުނެއެވެ. އަދި ޝިދާތާ މަސައްކަތް ކުރެއްވުމުގައި ގެންގުޅުއްވި އިހްލާސްތެރިކަމާއި ހަރުދަނާކަން ބަލައިގަންނަކަމަށް އަދާލާތުން ބުނެއެވެ.
އަދާލަތުން ބުނީ ޝިދާތާ 2010 ވަނަ އަހަރުން ފެށީގެން އަދާލަތު ޕާޓީއާއެކު ރައްޔިތުންނަށްޓަކައި އެތައް ގުރުބާނީއެއް ވެވަޑައިގެންނެވި ބޭފުޅެއް ކަމަށެވެ. އަދި އެކަމަނާ އަކީ އެކިއެކި ފޯރަމްތަކުގައާއި މަގުމަތީގައި އިސްލާހަށް ހިންގުނު ގިނަ ހަރަކާތްތަކެއްގައި ހިތްވަރާއެކު ބައިވެރިވެވަޑައިގެންފައި ވާ ބޭފުޅެއް ކަމަށް އެޕާޓީން ފާހަގަކޮށްފައި ވެއެވެ.
މީގެ އިތުރުން ޝިދާތާ ވަޒީރުކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިންނާއި ވަޒީރުކަމުގައި ހުންނެވި އިރު ވެސް ރައްޔިތުންގެ ހާލު ގާތުން ބައްލަވައި އެފަރާތްތަކަށް އެކިއެކި އެހީތެރިކަން ފޯރުކޮށްދެއްވުމުގައި އަމަލީ ގޮތުން ބަވެރިވެޑައިގެންފައި ވާކަން އަދާލަތުން ފާހަގަކޮށްފައި ވެއެވެ.
ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ސްލޮޓެއްގައި ޖެންޑާ މިނިސްޓަރު ކަމަށް އައްޔަންކުރެއްވި ޝިދާތާ އިސްތިއުފާ ދެއްވީ، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެހީވާ މީހެއްގެ ގޮތުގައި މަޝްހޫރު ވެފައިވާ އަހުމަދު ހިޝާނަށް ކުރެވޭ ޖިންސީ ތުހުމަތުތައް ޖެންޑާ މިނިސްޓްރީ އަށް އެނގޭއިރު ވެސް އެކަމުގައި އިހުމާލުވިކަމުގެ އަޑުތަކާ އެކު، ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށް މިދިޔަ ބުރާސްފަތި ދުވަހު އެވެ.
އަދި ޝިދާތާ އިސްތިއުފާ ދެއްވުމުން އެ މަގާމަށް ކުރީގެ ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ވަނީ ހަމަޖައްސަވާފައެވެ.