ޚަބަރު

ނަތީޖާ ގަބޫލެއް ނުކުރަން، އިންތިޚާބު ބާތިލްކޮށްދީ: ފަޒާދު

ދެން އެމްވީ ، ދެން އޮންލައިން

އަންނަ އެޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބަށް ޕީޕީއެމުން ހުކުރު ދުވަހު ބޭއްވި ޕްރައިމަރީގައި ފުވައްމުލަކު މޭޔަރުގެ ނަތީޖާ ގަބޫލު ނުކުރައްވާ ކަމަށް، އެ މަގާމު ނާކާމިޔާބުވެ ވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލީ ފަޒާދު ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

ޕީޕީއެމްގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ފަޒާދުގެ މައްޗަށް ކުރި ހޯދި ތޯރިގަށް 892 ވޯޓު ލިބިވަޑައިގަތް އިރު ފަޒާދަށް ލިބިވަޑައިގަތީ 634 ވޯޓެވެ.

އެ ނަތީޖާ ގަބޫލު ނުކުރައްވައި، ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީނަށް ފޮނުއްވި ސިޓީއެއްގައި ފަޒާދު ވިދާޅުވީ އިންތިހާބުގެ ނަތީޖާ އަށް އަސަރު ކުރާނެ ގިނަ ކަންތައްތަކެއް އިއްޔެގެ އިންތިޚާބުގައި ހިނގި ކަމަށެވެ. އަދި އެއީ، ވަކި މީހަކު ހޮވުމަށް، ދުރާލާ ރާވައިގެން ކޮށްފައިވާ ކަމެއް ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

އިންތިޚާބު އޮޅުވާލުމުގައި އެންމެ ބޮޑު ކަމެއްގެ ގޮތުގައި އޭނާ ފާހަގަ ކުރައްވާފައިވަނީ ބައެއް މީހުން، ރިޕީޓުކޮށް ދެ ފޮއްޓަކަށް ވޯޓުލާފައިވުމެވެ.

އެގޮތުން ދަޑިމަގު އަވަށުން ބަޔަކާއި ދިގުވާނޑު އަވަށުން ބައެއް ހިމެނޭ ދާއިރާގެ މީހުން ވޯޓުލުމަށް ދަޑިމަގު އަވަށު ޖަގަހައިގައި ބެހެއްޓި ފޮއްޓަށް ވޯޓުލި 37 މީހުން، ހޯދަޑު އަވަށާއި ދަޑިމަގު އަވަށު ބައެއް ހިމެނޭ ދާއިރާގެ މީހުންގެ ފޮއްޓަށް ވޯޓުލާފައިވާ ކަމަށް ވިދާޅުވި އެވެ. އަދި އެހެން އަވަށްތަކާއި މާލޭގައި ވެސް މި މައްސަލަ ދިމާވި ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން ބައެއް އަވަށުތަކުގައި ވޯޓުލާ މީހުންގެ ލިސްޓަށް ވުރެ އިތުރަށް ކަރުދާސް ދޫކޮށް، އެ ވެސް ހުސްވެ އަލުން ކަރުދާސް ގެނައި ކަމަށް ތުހުމަތު ކުރެއްވި އެވެ.

ފަޒާދު ވިދާޅުވީ މާލޭގައި ވޯޓުލަމުން ދިޔައިރު ބައެއް މީހުންނަށް ގިނައިން ވޯޓު ކަރުދާސްކޮޅު ދިން ކަމަށާއި އެހެންވެ، ވޯޓުލާން ހާޒިރު ނުވާ 115 މީހުންގެ ނަމުގައި ވޯޓު އަޅާފައިވާ ކަމަށެވެ. އޭގެ ތެރޭގައި މަރުވެފައިވާ މީހުންނާއި ފުވައްމުލަކުގައި ވޯޓު ލާ މީހުންނާއި ރާއްޖޭގައި ނެތް މީހުން ހިމެނެ އެވެ.

އޭގެ އިތުރުން މާލޭގައި ކޮންމެ 30 މިނިޓަކުން ވޯޓުލުން މެދުކަނޑާލައި، ވޯޓާސް ލިސްޓަށް ބަދަލު ގެނެސްފައިވާ ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ.

"ވީމާ މި އިންތިޚާބުގެ ނަތީޖާ ބާތިލްކުރުމަށް ފަހު، އަލުން އިންތިޚާބު ބޭއްވޭނެ ގޮތް ހަދައިދިނުން އެދެމެވެ." ފަޒާދު ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވެ އެވެ.

ޕީޕީއެމްގެ ޕްރައިމަރީގެ ހުރިހާ ކަމެއް ވެސް ދިޔައީ ވަރަށް އަމާންކޮށް ކަމަށް، ޕާޓީގެ ލީޑާޝިޕުން ބުނި ނަމަވެސް ބޮޑެތި އެހެން ބައެއް ކައުންސިލްތަކުން ވެސް ވަނީ ނަތީޖާ ގަބޫލުކުރަން ދެކޮޅު ހަދާފަ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!