އަމީން މިނިވަން ކުރަން ހުކުމް ކޮށްފައި ވަނީ ގޯސްކޮށް: ސުޕްރީމް ކޯޓު

އައިއެސް ޖަމާއަތުގެ ފަރާތުން ރާއްޖޭގައި ހަރަކާތްތެރިވާ އެންމެ އިސް މީހާ ކަމަށް ދައުލަތުން ތުހުމަތު ކުރާ ޏ. ފުވައްމުލަކު މާދަނޑު/ ކަރިއްޔާވިލާ މުހައްމަދު އަމީން މިނިވަން ކުރުމަށް ހައިކޯޓުން ހުކުމް ކޮށްފައި ވަނީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައިގެ މިއަދުގެ އަޑުއެހުމުގައި ސުޕްރީމް ކޯޓުން ވަނީ އަމީން މިނިވަން ކުރުމަށް ހައިކޯޓުން ކުރި ހުކުމް ބާތިލް ކުރުމަށް ފަހު، ކްރިމިނަލް ކޯޓުގައި އަލުން އޭނާގެ މައްސަލަ ބަލަން އަމުރު ކޮށްފައެވެ. އަދި އާ ގަޒިއްޔާތަކެއްގެ ގޮތުގައި ބެލުމަށް ހުރަހެއް ނެތް ކަމަށް ވެސް ވަނީ ކަނޑައަޅައިފައެވެ.
ހައިކޯޓުން މިދިޔަ ސެޕްޓެމްބަރު މަހުގެ 16ވަނަ ދުވަހު އަމީން ދޫކޮށްލުމަށް އަމުރު ކުރީ ދައުވާ ކުރުމުގެ މުއްދަތުގެ ތެރޭގައި ދައުވާ ކޮށްފައި ނުވާތީ ދައުލަތުން އޭނާގެ މައްޗަށް އުފުލި ދައުވާތައް ބާތިލް ވެސް ކުރުމަށް ފަހުއެވެ.
އަމީން ހައްޔަރުކޮށްފައި ވަނީ އޮކްޓޯބަރު 23، 2019 ގައެވެ. އޭނާގެ މައްޗަށް ދައުވާ އުފުލައިފައި ވަނީ އެ އަހަރުގެ ޑިސެމްބަރު ފަސް ވަނަ ދުވަހުއެވެ. ހައިކޯޓުން އޭނާގެ މައްޗަށް އުފުލައިފައިވާ ދައުވާތައް ބާތިލުކޮށްފައި ވަނީ ބަންދުގައި ހުރި މީހަކަށް ދައުވާ އުފުލަން ޖިނާއީ އިޖްރާއަތުގެ ގާނޫނުން ދީފައިވާ 30 ދުވަހުގެ މުއްދަތު ހަމަވި ފަހުން ދައުވާކޮށްފައި ވާތީއެވެ.