ޚަބަރު

އެމްޑީޕީގެ ހަރަކާތްތަކަށް ސްކޫލްތައް ދެވޭ، އެކަމަކު ޕީޕީއެމްއަކަށް ނުދޭ

އެމްޑީޕީގެ ހަރަކާތްތަކަށް ސްކޫލްތައް ދޫކުރާއިރު، ޕީޕީއެމްގެ ހަރަކާތްތަކަށް ސްކޫލްތައް ދޫނުކުރާ މައްސަލައެއް ފާހަގަވެއްޖެއެވެ.

އެމްޑީޕީގެ ސިޔާސީ ހަރަކާތެއް ހިންގުމަށް ހުޅުމާލެ ހުރަވީ ސްކޫލް ވަނީ ދާދިފަހުން އެ ޕާޓީއަށް ދޫކޮށްފައެވެ. ނަމަވެސް ސިޔާސީ ހަރަކާތެއް ހިންގަން ހުޅުމާލެ ރެހެންދި ސްކޫލް ހޯދަން ޕީޕީއެމް އިން އެދުމުން އެ ސްކޫލުން އަންގާފައި ވަނީ ޕީޕީއެމްގެ ސިޔާސީ ހަރަކާތް ހިންގަން އެ ސްކޫލް ދެވެން ނެތް ކަމަށެވެ.

އެކަމާ ގުޅިގެން ކަންބޮޑުވުންފާޅު ކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއު ކުރެއްވި ޓްވީޓެއްގައި އެމްޑީޕީގެ ހަރަކާތްތައް ހިންގަން ސްކޫލް ދޫކުރީ ކޮން އުސޫލަކުންތޯ ސުވާލު ކުރައްވާފައިވެއެވެ.

އެމްޑީޕީގެ ޔޫތު ކޮންގްރެސް ބާއްވަން ހުޅުމާލެ ހުރަވީ ސްކޫލް ދޫކޮށްފައިވާއިރު، އެޖެންޑާ 19 ޖަލްސާ ބާއްވަން ހުޅުމާލެ ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލް ދޫކޮށްފައިވާކަން ޝުޖާއު ފާހަގަކުރެއްވިއެވެ.

އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ޓެގް ކުރައްވައި ޝުޖާއު ވިދާޅުވީ ޕީޕީއެމްގެ ހަރަކާތެއް ހިންގަން ރެހެންދި ސްކޫލް ނުދިނުމަކީ ލަދުވެތި ކަމެއް ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!