ލައިފްސްޓައިލް

ލޯބިވެރިންގެ ދުވަސް ހަނދާން ހުންނައިރު މަންމައިންގެ ދުވަސް ހަނދާން ނެތެނީ ކީއްވެ؟

ދެން އެމްވީ ، ދެން އޮންލައިން

ގިނަ ޒުވާނުންގެ ދުލު ކުރީގައި މިދުވަސްކޮޅު އޮންނަ ބަހަކީ "ވެލެޓައިންސް ޑޭ" އެވެ. ދިވެހި ބަހުން ބުނާނަމަ ލޯބިވެރިންގެ ދުވަހެވެ. ކްރިސްޓިއަނުން ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު ފާހަގަކުރާ ލޯބިވެރިންގެ ދުވަހަށް އެތައް ބަޔަކު ދަނީ ކެތްތެރިކަމެއްނެތި އިންތިޒާރު ކުރަމުންނެވެ. ފޭސްބުކްގެ ނިއުސްފީޑަށް އެދުވަހުގެ ވާހަކަތައް އަންނަނީ ގިނަވަމުންނެވެ. އެދުވަހު ބިޓަށް ހަދިޔާއެއް ދިނުމަށް ދުރާލާ ލާރި ސޭވް ކުރެއެވެ. ލޯބިވެރިިޔާ އުފާ ކޮށްދިނުމަށް އެތައް ކަމެއް ކުރުމަށް ރާވައެވެ. ލޯބިވެރިންގެ ދުވަހަށް މިހާ ފޯރި ހުންނަ އިރު މަންމައިންގެ ދުވަސް މަތިން ހަނދާން ނެތެނީ ކީއްވެހެއްޔެވެ؟ ލޯބިވެރިންގެ ދުވަހަށް އިންތިޒާރު ކުރާ ވަރަށް މަންމައިންގެ ދުވަހަށް އިންތިޒާރު ނުކުރަނީ ކީއްވެހެއްޔެވެ؟

އަހަރެމެންނަކީ ސައްތައިން ސައްތަ މުސްލިމު ގައުމެއްގައި ދިރިއުޅެމުންދާ މުސްލިމުންނެވެ. ހަގީގަތަށް ބުނާ ނަމަ އިސްލާމްދީނުގައި ލޯބިވެރިންގެ ދުވަސް ފަދަ، ކްރިސްޓިއަނުން ފާހަގަކުރާ ދުވަސްތައް ފާހަގަކުރުމަކީ ހަރާމް ކަމެއް ކަމަށް ގިނަ އިލްމުވެރިން އިއްތިފާގު ވެއެވެ. މިހެން ކަންތައް އޮތްއިރު، ލޯބިވެރިންގެ ދުވަސް ފާހަގަކުރާ ހިތުން ބައެއް ދިވެހިންގެ ލޮލަށް ނިދި ނައިސްގެން މިއުޅެނީ ކީއްވެކަމެއް ހަމަ އެއްގޮތަކަށްވެސް ނުވިސްނުނެވެ. މުހިންމީ ނުވަ މަހާއި ނުވަ ދުވަހު އަހަރެމެން ބަނޑުތެރޭގައި ރައްކާތެރި ކަމާއި އެކު ގެންގުޅުނު މައިމީހާގެ އުފާ ކޮށްދިނުމަށްވުރެ ދެތިން ހަތަރު މަހުގެ މެހެމާނަކަށް ވެގެން އަންނަ ލޯބިވެރިޔާ އުފާ ކޮށްދިނުން ހެއްޔެވެ؟ ހަމަ ޔަގީނުންވެސް އެންމެ އިސްވާން ޖެހޭނީ މައިމީހާއެވެ.

ބައެއް ޒުވާނުންނަށް ދިރިއުޅުމުގައި މާ ބުރަވުމުން، މަންމައިންގެ ދުވަހުގެ ތަހްނިޔާވެސް މަންމައަށް ކިޔާލާނެ ވަގުތެއް ނުވެއެވެ. ނަމަވެސް ލޯބިވެރިންގެ ދުވަހު ވަޒީފާއިން ސަލާމް ނަގައިގެން ނޫނީ، ކުރަން ހުރި ހުރިހާ ކަމެއް ކެންސަލް ކޮށްފައިވެސް ލޯބިވެރިޔާ ގޮވައިގެން ރިސޯޓަކަށް ނޫނީ ރެސްޓޯރެންޓަކަަށް ކާން ދާނެއެވެ. މިހާ ހިސާބުން އުފެދޭ ސުވާލަކީ މަންމައިންގެ ދުވަހު މަންމަ ގޮވައިން ތަނަކަށް ނުދެވެނީ ކީއްވެހެއްޔެވެ؟ މަންމަ ގޮވައިން ރެސްޓޯރެންޓަކަށް ނުދެވެނީ ކީއްވެހެއްޔެވެ؟ ތިބާގެ ހިދުމަތުގައި އެމީހެއްގެ މުޅި ދިރިއުޅުން ވޭތުކޮށްލި މައިމީހާއަށް ޓަކައި ވަޒީފާއިން ސަލާމް ނުބުނެވެނީ ކީއްވެހެއްޔެވެ. ތި ގެންގުޅޭ ލޯބިވެރިޔާ މާދަމާވެސް ދެރަދީ ހިތުގައި ޖައްސާފައި ގޮސްދާނެއެވެ. އެކަމަކު މަންމަ އަބަދުވެސް ތިބާގެ ހިދުމަތުގައި ހުންނާނެއެވެ.

އަހަރެމެންގެ ގިނަ މީހުން މަންމައިންގެ ދުވަހު މަންމަގެ ފޮޓޯއެއް މީސްމީޑިއާގައި ހިއްސާކޮށް ބަޔާން ނެރެތެވެ. ނަމަވެސް ދަންނަންވި ކަމަކީ ކޮންމެ ދުވަހަކީ ވެސް މައިންގެ ދުވަހެއް ކަމެވެ. އެހެނީ ކޮންމެ ދުވަހަކީ ވެސް މައިންގެ ދުއާއާއި ޚިދުމަތް ލިބޭ ދުވަހެކެވެ. ވުމާއެކު ކޮންމެ ދުވަހަކުވެސް މަންމައާއިއެކު ވަގުތު ހޭދަ ކުރާށެވެ. މަންމަގެ މޫނުން ހިނިތުންވުން ފެންނަ ކަމެއް ކޮންމެ ދުވަހަކު ވެސް ކުރެވޭތޯ ބަލާަށެވެ. ބިޓާއި ރައްޓެހިން އަންނާނީ މަންމަ އަަށްވުރެ ފަހުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!