ދަނޑުވެރިކަމަށް ބިން ދޫކުރުމުގެ އިންތިޒާމުތައް ފަސޭހަކުރަން ކައުންސިލްތަކާ މަޝްވަރާކުރަނީ
ދަނޑުވެރިކަން ކުރުމަށް މިހާރަށް ވުރެ ފަސޭހައިން މީހުން ދިރިއުޅޭ ރަށްރަށުން ބިން ހަމަޖައްސައިދޭން ކައުންސިލުތަކާ މަޝްވަރާ ކުރައްވައިގެން މަސައްކަތް ކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ރަސްމީގޮތުން ފާހަގަކުރުމަށް އިއްޔެ ތ. ކަނޑޫދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެޖަލްސާގައި ރައީސް ވިދާޅުވީ ދަނޑުވެރިންނަށް މިހާރު ކުރިމަތިވާ އެންމެ ބޮޑު އެއް ދަތިކަމަކީ ދަނޑުވެރިކަން ކުރުމަށް ދިގު މުއްދަތަށް ރަށްރަށުން ބިން ހޯދުމުގައި ހުރި ދަތިތައް ކަމަށާއި ދެވަނަ ކަމަކީ ތާޒާކަމާ އެކު ދަނޑުވެރިންގެ އުފެއްދުންތައް ބާޒާރަށް ނުނެރެވުމުގެ ދަތިކަން ކަމަށެވެ. މީގެ އިތުރުން ދަނޑުވެރިކަމުން އުފައްދާ އުފެއްދުންތަކަށް ރަނގަޅު އަގު ނުލިބުމަކީ ވެސް އޮތް ދަތިކަމެއް ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
"އަނެއް ކަމަކަށް ދިމާ ވަނީ ބިން ކުޑަ ގައުމެއްގައި ދަނޑުވެރިކަން ކުރާއިރުގައި، ޒަމާނީ ޓެކްނޮލޮޖީއާ ސައިންޓިފިކް ދިރާސާތަކުގެ މައުލޫމާތުތައް ދަނޑުވެރިންނާ ހިސާބަށް ފޯރުކޮށްދިނުމުގައި ހުރި ދަތިތައް. ދުނިޔޭގެ ބިން ކުދި ގައުމުތަކުގައި މިހާރު ދަނޑުވެރިކަން ކުރުމަށް ޓަކައި ވާޓީކަލް ފާމިންއާއި ހައިޑްރޮޕޯނިކް ފާމިން އެބަ ތައާރަފުކުރޭ" ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ ސިންގަޕޫރުގައި ބޭނުންކުރާ ކާބޯތަކެތީގެ 30 އިންސައްތަ އެގައުމުގައި އުފައްދަން ނިންމައިފައިވާކަން ފާހަގަކޮށް އެފަދަ ކަންކަމަކީ ޕްލޭނަކާ އެކީގައި ކޮށްފިކަމުގައި ވާނަމަ ރާއްޖޭގައި ވެސް ކުރެވިދާނެކަމެއްކަމަށް ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ ރާއްޖެއަށް ބޭނުންވާ 17 ބާވަތެއް ރާއްޖޭގައި އުފެއްދިދާނެ ކަމަށާއި ސަރުކާރުގެ ޕްލޭނަކީ މި 17 ބާވަތް ބޭނުންވާ ވަރަށް އުފެއްދުން ކަމަށެވެ. އެގޮތުން ރައީސް ވިދާޅުވީ މި 17 ބާވަތުން ނަގާ ޑިއުޓީ ބޮޑުކޮށް މާކެޓުން ރަނގަޅު ޖާގައެއް ހޯދަން މަސައްކަތް ކުރައްވާނެ ކަމަށެވެ.
މީގެ އިތުރުން ރައީސް ވަނީ ދަނޑުވެރިކަމަށް ލޯނު ލިބުމުގައި ހުރި ދަތިތައް ވެސް ފާހަގަކުރައްވައިފައެވެ. އެގޮތުން ވިދާޅުވީ އެގްރިކަލްޗާ މިނިސްޓްރީއިން ދޫކުރާ 20 މިލިއަން ރުފިޔާގެ ލޯން ސްކީމެއް އެބައޮތް ކަމަށާއި އެސްއެމްއީގެ ދަށުން ވެސް ލޯނު ލިބޭނެ ފަސޭހަ ގޮތްތަކެއް މިހާރު ވެސް ހަމަޖެހިފައި އެބަހުރި ކަމަށެވެ.
"އެހެން ނަމަވެސް އޭގެ މައުލޫމާތާއި އެކަން ކުރާނެ ގޮތް ދަނޑުވެރިންނާއި ހިސާބަށް އެނގިފައި ނެތުމުގެ ސަބަބުން ބައެއް ފަރާތްތަކަށް ދަތިތަކެއް ކުރިމަތިވަމުން އެބަދޭ. އަޅުގަނޑު އުއްމީދުކުރަނީ އިއްޔެގެ ފޯރަމުން އެލިބުނު މައުލޫމާތުގެ އަލީގައި މިކަންތައްތައް ފަސޭހައިން ދަނޑުވެރިންނަށް މިލޯނުތަކަށް ވާސިލުވެވޭނެ ގޮތްތައް ހޯދައިދީ ފަސޭހައިން އެކަން ކުރެވޭނެ ގޮތްތައް މިނިސްޓްރީގެ ފަރާތުން އިންތިޒާމު ކުރައްވާނެ ކަމަށް" ރައީސް ސޯލިހު ވިދާޅުވިއެވެ.
އިއްޔެ ކަނޑޫދޫގައި ބޭއްވި ޖަލްސާގައި ރައީސް ސޯލިހު ވަނީ ކަނޑޫދޫގެ ދަނޑުވެރިން ކުރާ މަސައްކަތް ފާހަގަކުރައްވައި އަދި ޚާއްޞަކޮށް ކަނޑޫދޫގައި މިރުސް ހެއްދުމަށް ރަށުގެ ދަނޑުވެރިން ކުރާ މަސައްކަތް މުޅި ރާއްޖެއަށް ފުޅާވެ މިހާރު ކަނޑޫދޫގައި ހައްދާ މިރުހަކީ އެރަށަށް ލިބޭ ފަޚުރެއްކަމަށް ފާހަގަކުރައްވައިފައެވެ.
އިއްޔެ ޖަލްސާގައި ދަނޑުވެރިކަމަށް ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވައި ރިޓަޔަރކުރައްވައިފައިވާ މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ މުވައްޒަފަކާ އަދި ކަނޑޫދުއަށް ދަނޑުވެރިކަމުގެ މަސައްކަތް ތަޢާރަފުކުރުމުގައި އިސްދަޢުރެއް އަދާކުރެއްވި ފަރާތަކަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ހަނދާނީ ފިލާ ހަވާލުކޮށްދެއްވައިފައެވެ.
ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހަކީ ޤައުމީ ދަނޑުވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. ދުނިޔޭގެ ކާބޯތަކެތީގެ ދުވަހަކީ އޮކްޓޫބަރު މަހުގެ 16 ވަނަ ދުވަހެވެ.