ރިސޯޓުތަކަށް ބޭނުންވާ ތަރުކާރީއާއި މޭވާ ރާއްޖޭގައި އުފެއްދުމުގެ އަމާޒު އެބައޮތް: ރައީސް
ރާއްޖޭގެ ހައިއެންޑް ރިސޯޓުތަކަށް ބޭނުންވާ ތަރުކާރީއާ މޭވާ މިހާރު ގެންނަނީ ރާއްޖެއިން ބޭރުން ކަމަށާއި އެހެން ނަމަވެސް އެތަކެތި ރާއްޖޭގައި އުފެއްދުމުގެ އަމާޒު ސަރުކާރުގެ އެބައޮތްކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ދަނޑުވެރިންގެ ދުވަހާއި ކާބޯތަކެތީގެ ދުވަސް ފާހަގަކުރަން އިއްޔެ ތ.ކަނޑޫދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ ރާއްޖޭގެ އުފެއްދުންތެރިކަމުގައި ދަނޑުވެރިކަން ހިއްސާކުރަނީ ގާތްގަނޑަކަށް 1.7 އިންސައްތަކަމަށެވެ. މިއީ ނިސްބަތުން ވަރަށް ކުޑަ އަދަދެއް ކަމަށާއި މިއަދަދު އިތުރު ކުރެވުމަށް މަސައްކަތް ކުރެވިދާނެކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ. ރާއްޖޭގައި މިއަށް ވުރެ ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.
"ރާއްޖޭގަ މާކެޓު އެބައޮތް. ހައިއެންޑް ރިސޯޓުތަކަށް ބޭނުންވާ ތަރުކާރީއާ މޭވާ އިންތިހާއަށް ގިނަ. މިހުރިހާ ތަކެއްޗެއް މިހާރު ވެސް މިގެންނަނީ ރާއްޖޭން ބޭރުން އެތެރެކުރަމުން. އަޅުގަނޑުމެންނަށް އަމާޒުކޮށްގެން މިދެންނެވި ގޮތަށް ބައެއް ބާވަތްތަކަށް އަމާޒުކޮށްގެން މިކަން ކުރެވިއްޖެކަމަށް ވަންޏާ އަޅުގަނޑު ހިތުން ރާއްޖޭގެ ލިބޭ އާމްދަނީގެ ޖީޑީޕީގެ މިއަށްވުރެ ބޮޑުބައެއް ދަނޑުވެރިކަމުގައި ހިއްސާކުރެވިގެންދާނެ" ރައީސް ސޯލިހު ވިދާޅުވިއެވެ.
ރިސޯޓުތަކުން ބޭނުން ވާނީ އެ ތަންތަނަށް ބޭނުންވާ ތަކެތި މެދުނުކެނޑި ލިބޭނެކަމުގެ ޔަގީންކަން ކަމަށާއި ހަމައެފަދައިން ދަނޑުވެރިން ވެސް ބޭނުން ވަނީ އެމީހުން އުފައްދާ ތަކެތި ތާޒާކަމާ އެކު އަބަދުވެސް ވިކޭނެކަމުގެ ޔަގީންކަން ކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ. އެހެންކަމުން މިކަންކަން ހަމަޖެއްސުމަށް ސަރުކާރުން ދަނީ ގޮތްތަކެއް ހޯދައިދެމުންކަމަށް ރައީސް ވިދާޅުވިއެވެ.
"އެގްރޯނެޓްގެ ނަމުގައި އުފެއްދި ކުންފުނީގެ ބޭނުމަކީ އެއީ" ރައީސް ޞާލިހު ވިދާޅުވިއެވެ.
މީގެ އިތުރުން ދަނޑުވެރިކަމުން އުފައްދާ އުފެއްދުންތަކަށް ބޭނުންވާ ހަމަ އަގު ހޯދައިދިނުމަށް އެގްރޯނެޓުން މަސައްކަތް ކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެކުންފުނިން މިހާރު ވެސް ދަނީ 67 ރަށެއްގައި 516 ދަނޑުވެރިންނާ އެކުގައި ކޮންޓްރެކްޓް ކުރެވިގެން މަސައްކަތް ކުރަމުންކަމަށެވެ. އަދި އޭގެ ތެރެއިން 58 ދަނޑުވެރިއެއްގެ ފަރާތުން މިހާރު ތަކެތި ގަނެ މާކެޓަށް ނެރެމުން ގެންދާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
އެގްރޯނެޓުގެ އިތުރުން އެސްޓީއޯއިން ވެސް ދަނޑުވެރިންނަށް ހާއްސަކޮށް މަސައްކަތްތަކެއް ފަށައިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން އެސްޓީއޯއިން 400 އެއްހާ ފަރާތަކާ އެކީގައި މަޝްވަރާތައް ކުރިއަށް ގެންގޮސް އޭގެ ތެރެއިން 60 ފަރާތެއްގެ އަތުން ދަނޑުވެރިކަމުގެ ބާވަތްތައް ގަންނަމުން ދާކަމަށް ރައީސް ވިދާޅުވިއެވެ.