ދުނިޔެ

އެމެރިކާއިން ދިން ހަމަލާގައި އަފްގާނިސްތާނުން މަރުވި މީހުންގެ އާއިލާތަކަށް ފައިސާދޭން ނިންމައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޑްރޯނެއް މެދުވެރިކޮށް އަފްގާނިސްތާނަށް އެމެރިކާއިން ދިން ހަމަލާއެއްގައި، އެ ޤައުމުން މަރުވި އާއިލާތަކަށް ފައިސާ ދޭން އެމެރިކާއިން ނިންމައިފިއެވެ.

Ads by WAMCO

އަފްގާނިސްތާނުގެ ސަރުކާރު ބަދަލު ވުމުގެ ކުރިން، މިދިޔަ އޯގަސްޓު މަހުގެ 29ވަނަ ދުވަހު އެމެރިކާއިން ދިން އެ ހަމަލާގައި ކުޑަ ކުދިންނާ އެކު 10 މީހަކު ވަނީ މަރުވެފައެވެ.

ކާބުލްއަށް ދިން އެ ހަމަލާގައި 10 ރައްޔިތަކު މަރުވި ކަމަށް އެމެރިކާއިން ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހު އެއްބަސް ވެފައެވެ. ޔޫއެސް ސެންޓްރަލް ކޮމާންޑުގެ ހެޑް، ޖެނެރަލް ފްރޭންކް މިކްކެންޒީ ބުނީ، އަފްގާނިސްތާނުގެ ވެރި ރަށް ކާބުލްއަށް މިދިޔަ އޯގަސްޓު މަހު ފަހުކޮޅު، ޑްރޯނެއް މެދުވެރިކޮށް އެމެރިކާއިން ދިން ހަމަލާގައި 10 ރައްޔިތަކު މަރުވެފައިވާ ކަމަށާއި އޭގެ ތެރޭގައި ކުޑަ ކުދިން ވެސް ހިމެނޭ ކަމަށެވެ. އަދި އެކަމަށް ޓަކައި މާފަށް އެދޭ ކަމަށް ބުނެފައިވެއެވެ.

ޖެނެރަލް މިކްކެންޒީ ބުނީ މި ހަމަލާގައި މަރުވި މީހުންނަކީ ލާއިންސާނީ ފިކުރުގެ ޖަމާއަތެއް ކަމުގައިވާ އައިއެސްއާ ގުޅުމެއް ހުރި ބައެއް ކަމަށް ޤަބޫލު ނުކުރެވޭ ކަމަށެވެ. ޖެނެރަލް މިކްކެންޒީ މިހެން ބުނި ނަމަވެސް، އެމެރިކާގެ މިލިޓަރީން މީގެ ކުރިން ބުނެފައި ވަނީ އެ މީހުން މަރައިލީ އެ ޖަމާއަތަށް ނިސްބަތްވާ މީހުން ކަމަށެވެ.

"އެ ހަމަލާ އިތުރަށް ރަނގަޅަށް ތަހުގީގު ކުރުމަށް ފަހު ހޯދިހޯދުންތަކުން މިހާރު ޔަގީން ވެފައި ވަނީ، މި ހަމަލާގައި މަރުވެފައިވާ 10 މީހުންނާ އައިއެސް ޖަމާއަތާ އެއްވެސް ގުޅުމެއް ނެތް ކަމަށް. އަދި މި މަރުވި ރައްޔިތުންގެ ތެރޭގައި 7 ކުޑަކުދިން ވެސް ހިމެނޭ" މިކްކެންޒީ ބުނެފައިވެއެވެ.

މީގެ އިތުރުން ޖެނެރަލް މިކްކެންޒީ ބުނީ، މި ހަމަލާގައި މަރުވި މީހުންގެ އާއިލާތަކަށް ނިހާޔަތަށް މާފަށް އެދޭ ކަމަށާއި، އާއިލާތަކަށް ތައުޒިޔާ ފޮނުވުމުގެ ގޮތުން ފައިސާ ދޭން ނިންމައިފައިވާ ކަމަށެވެ.

އެ މީހުން މަރައިލުމާ ގުޅިގެން ފައިސާ ދޭން ނިންމި ކަމުގައި ވިޔަސް، ދެނީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް އެމެރިކާއިން އަދި ހާމަ ކޮށްފައެއް ނުވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!