ލާމަރުކަޒީ ނިޒާމެއްގައި ގައުމު ހިންގާއިރު ދަނޑުވެރިކަމުގެ ސިނާއަތް ފުޅާކުރުން މުހިންމުކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ތ. ކަނޑޫދޫގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޞާލިހު ވިދާޅުވީ ދަނޑުވެރިކަމުގެ ސިނާއަތަކީ ގައުމުގެ އިގްތިޞާދު ފުޅާކުރުމަށްޓަކަށް ކުރިއެރުވިދާނެ އެއް ސިނާއަތް ކަމަށެވެ. އޭގެ ސަބަބުން އެކި ވަޒީފާތައް ރާއްޖޭގެ އެކި ރަށްރަށުގައި އުފެދިގެންދާނެ ކަމަށާއި އާއިލާތަކަށް އޭގެ ސަބަބުން ލިބޭ ނަފާ ބޮޑުވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.
"ރަށުގައި ތިބެ ކުރާނެ މަސައްކަތްތައް އިތުރުވެގެންދާނެ. އަޅުގަނޑުމެން ބޭނުން ވަނީ މިކަމަށް ޒުވާނުން ނެރުން" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިކަމަށް ޓަކައި އެގްރިކަލްޗާ މިނިސްޓްރީގެ ފަރާތުން އިތުރު މަސައްކަތްތަކެއް ކުރަންޖެހޭކަމަށް ގަބޫލުކުރެވޭ ކަމަށެވެ. މީގެ އިތުރުން އޯގޭނިކް ފާމިން ނުވަތަ ކެމިކަލްގެ ބާވަތްތައް ބޭނުންނުކޮށް ގަސް ހެއްދުމުގެ މުހިންމުކަމާއި ގުޅޭގޮތުން ރައީސް ވާހަކަފުޅު ދެއްކެވިއެވެ. އެގޮތުން ވިދާޅުވީ މުޅިން ކަށަވަރު ނުވި ނަމަވެސް އެކި ބާވަތުގެ ކެމިކަލް ބޭނުންކޮށްގެން އުފައްދާ ދަނޑުވެރިކަމުގެ ބާވަތްތަކުން އެކި ބާވަތުގެ ބަލިތައް ރާއްޖޭގައި ފެތުރެމުން ދާކަމަށެވެ.
"އަޅުގަނޑުމެން މިހާރު އޭގެ ރިސާޗެއް ހަދަމުން އެބަ ގެންދަން ނެޝަނަލް ޔުނިސިޓީއާ އެކީގަ. އަޅުގަނޑުގެ އިލްތިމާސަކީ ތިބޭފުޅުން ދަނޑުވެރިކަމައިގެން ކުރިއަށް ދާއިރުގައި އޯގެނިކް ފާމިންއަށް ބޮޑަށް ސަމާލުކަން ދީގެން ކުރިއަށް ދިޔުން" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އޯގެނިކް އުފެއްދުންތަކަށް ރާއްޖޭގައި މާކެޓު އެބައޮތް ކަމަށެވެ. އަދި އެފަދަ އުފެއްދުންތަކުގެ އަގު ބޮޑު ނަމަވެސް ބޮޑު އަގުގައި އެތަކެތި ވިއްކިދާނެކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ކަނޑޫދޫއަށް މީގެ ކުރިން ވެސް ވަޑައިގެންނެވިކަމަށް ވިދާޅުވެ ރައީސް ވަނީ އޭރު ދަނޑުވެރިން ފާހަގަކުރި ބައެއް ދަތިތަކުގެ ވާހަކަ ދައްކަވައިފައެވެ. އެގޮތުން ދަނޑުތަކަށް ކަރަންޓާއި ފެން ފަސޭހައިން ލިބޭނެގޮތް ހަދައިދޭން ދަނޑުވެރިން ރައީސް އަރިހުގައި އެދުނުކަމަށް ވިދާޅުވިއެވެ.
"މިހާރު ފެނަކައިގެ ފަރާތުން މިރަށުގައި 250 ވޯޓުގެ އިންޖީނެއް ބަހައްޓާ 2100 މީޓަރުގެ ކޭބަލް ގެނަސް އެކަމުގެ މަސައްކަތް އަމަލީގޮތުން މިހާރު ފަށާފައިވާކަމަށް ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރު މިއަދު އަޅުގަނޑު ކައިރީގައި ވިދާޅުވި" މައްސަލަތައް ހައްލުކުރުމާ ގުޅޭގޮތުން ރައީސް ވިދާޅުވިއެވެ.
މިމަޝްރޫއު ނިމުމާ އެކު ދަނޑުތަކަށް ކަރަންޓު ފޯރުކޮށްދެވޭނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ފެނުގެ ނިޒާމުވެސް މުޅިން ގާއިމްކޮށް ނިމުމުން ދަނޑުތަކަށް ފެން ނުލިބުމުގެ ދަތިތައް ވެސް ހައްލުވާނެކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ދަނޑުވެރިކަން އިތުރަށް ފުޅާކޮށް ސިނާއީ ފެންވަރެއްގައި ދަނޑުވެރިކަން ތަރައްގީކުރުމާ އެކު ޒުވާނުން މިސިނާއަތަށް ނެރުމަކީ އުއްމީދުކަމަށެވެ.