ފާޑުކިޔުންތަކާއެކު އަނދުން ހުސައިން މާފަށް އެދިވަޑައިގެންފި
ފަލަސްތީނުގެ ރައްޔިތުންނަށް ޖެހިފައިވާ ހާލު މާލޭގެ ރައްޔިތުންނަށް ޖެހިފައިވާ ކަމަށް ވިދާޅުވެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަމީމް (އަނދުން ހުސެއިން) ދެއްކެވި ވާހަކަތަކާ މެދު ނުރުހުންވެ، އޭނާ އަށް ފާޑުކިއުންތައް ބޮޑުވުމުން މިއަދު މާފަށް އެދިވަޑައިގެންފި އެވެ.
ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އަނދުން ހުސައިން ވިދާޅުވީ މާލެ އެއްކޮށް ހިއްކައި ރާއްޖޭގެ އެހެން ތަންތަނުން މީހުން ގެނެސް ވަޒަންވެރި ކުރުވީ ކަމަށާއި މާލެއަކީ މާލެ މީހުންގެ ތަނެއް ކަމަށެވެ. އޭނާގެ ވާހަކައާ ގުޅިގެން އާންމުންގެ ގިނަ ބަޔެއްގެ ފާޑުކިޔުންތައް އަމާޒުވިއިރު، މަޖިލީހުގައި އަތޮޅުތެރޭގެ ބައެއް ދާއިރާތައް ތަމްސީލު ކުރައްވާ މެންބަރުން ވެސް އެއަށް ރައްދު ދެއްވި އެވެ. އޭގެ ތެރޭގައި އަނދުން ނިސްބަތްވާ އެމްޑީޕީގެ މެންބަރުން ވެސް ހިމެނިވަޑައިގަންނަވަ އެވެ.
ހުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޓީވީ ޗެނަލްއެއްގައި އޭނާ މާލޭގެ ރައްޔިތުން ދިރިއުޅެނީ ފަލަސްތީނު ރައްޔިތުންނެކޭ އެއްފަދައިން ކަމަށް ވިދާޅުވުމުން، އޭނާ ދެއްކެވި ވާހަކަތަކުން ބައެއް ނަގައިގެން އޭނާ ދެއްކި ވާހަކަތައް އޮޅުވާލާފައިވާ ކަމަށާ، "މާލޭގެ ރައްޔިތުން"ގެ ގޮތުގައި ސިފަކުރެއްވީ މާލޭގެ ދިރިއުޅޭ އެންމެން ކަމަށެވެ.
"މާލޭގެ ރައްޔިތުންނޭ އަޅުގަނޑު ބުނީ މާލޭ ރަސްގެދަރިކޮޅުގެ މީހުން ވާހަކައެއް ނޫން. އަޅުގަނޑުގެ މުޅި ކެރިއާ އަށް ބަލާލީމަ އެނގޭނެ އަޅުގަނޑު އަބަދުވެސް ދައްކަން، މާލޭގެ ގެދޮރުގެ ދަތިކަމުގެ ވާހަކަ. އަޅުގަނޑުގެ ނަޒަރުގައި މި މާލޭގައި ދިރިއުޅޭ އެންމެންނަކީވެސް މާލޭ ރައްޔިތުން." ހުސެއިން ވިދާޅުވިއެވެ.
އަނދުން ވިދާޅުވީ އޭނާ އެ ވާހަކަތައް ދެއްކެވީ، އެއްވެސް ގޮތަކުން މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރައްޔިތުން ކުޑައިމީސް ކުރުމަކަށް ނޫން ކަމަށެވެ. ވިދާޅުވީ ސީދާ ގޮތުން ވެސް އަދި ނުސީދާ ގޮތުން ވެސް އެ ރައްޔިތުންނަށް ކުޑައިމީސް ބަހެއް ނުބުނާނެ ކަމަށެވެ.
"...އެހެން ނަމަވެސް އަޅުގަނޑު ދެއްކެވި ވާހަކަ އޮޅިވަޑައިގެންފައިވާ ބޭފުޅުންގެ އަރިހުން މައާފަށް އެދެން،" އަނދުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.