ޚަބަރު

69 ގައިދީންނަށް އައިނު ހައްދައިދީފި

ގައިދީންނަށް އައިނު ލިބޭނެ އިންތިޒާމު މޯލްޑިވްސް ކަރެކްޝަނުން ހަމަޖައްސައިފި އެވެ.

ކަރެކްޝަނުން މިއަދު ބުނީ ދެ ބުރެއްގެ މަތިން ބޭއްވި "އައި ކޭމްޕް" މެދުވެރިކޮށް 88 ގައިދީން ޑޮކްޓަރަށް ދައްކާފައިވާ ކަމަށެވެ.

ކަރެކްޝަންސް އިން ބުނީ މި "އައި ކޭމްޕް" ރާވާ ކުރިއަށްގެންގޮސްފައިވަނީ ގައިދީންނަށް ބޭނުންވާ ސިއްޙީ ޚިދުމަތްތައް ކުރިއަށްވުރެ ހަރުދަނާގޮތުގައި ފޯރުކޮށްދިނުމަށް ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ކަމަށެވެ.

އަދި ޖަލުގައި ލޮލުގެ ފަރުވާއަށް ގިނަ އަދަދެއްގެ ގައިދީން އެދިފައިވުމުން، ގިނަ އަދަދެއްގެ ގައިދީންތަކެއް މާލެ ގެނައުމުގެ ބަދަލުގައި މާފުށީ ޖަލުގައި މިފަދަ ކޭމްޕެއް ހިންގުމަކީ ހުރިހާ ގޮތަކުންވެސް ލުއިފަސޭހަ އަދި ގިނަ އަދަދެއްގެ ގައިދީންނަށް އަވަސް ފުރުސަތެއްގައި ސިއްހީ ފަރުވާ ފޯރުކޮށްދެވޭނެ ގޮތެއް ކަމަށްވެސް ކަރެކްޝަންސް އިން ބުނެއެވެ.

އައިކެއަރ އާ ގުޅިގެން ބޭއްވި މި ކޭމްޕްގައި ލޮލުގެ ޚާއްސަ ޑޮކްޓަރުން މެދުވެރިކޮށް ލޮލުގެ ފަރުވާއަށް އެދިފައިވާ ގައިދީންގެ ޗެކަޕް ހަދައި، އެ ފަރާތްތަކަށް ބޭނުންވަނީ ކޮން ފަރުވާއެއްތޯ ވަނީ ދެނެގަނެފައެވެ.

މިގޮތުން އައިނު އަޅަންޖެހޭ ގައިދީންގެ ލޮލުގެ ނަންމަބަރު ޗެކްކޮށް އައިނު ލިބޭނެ އިންތިޒާމް ހަމަޖައްސައި، އިތުރު ފަރުވާއަށް މާލެ ގެންނަންޖެހޭ ގައިދީންވެސް ވަނީ ދެނެގަނެފައެވެ. ޖުމްލަ 69 ގައިދީންނަށް ވަނީ އައިނު ލިބޭނެ އިންތިޒާމް ހަމަޖައްސާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!