ޚަބަރު

12،000 ވޯޓާއެކު އަނަސް މާލޭގެ މޭޔަރުކަން ކާމިޔާބު ކުރައްވާނެ: ނަޝީދު

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އަނަސް އަބްދުއްސައްތު 12،000 އަށް ވުރެ ގިނަ ވޯޓު ހޯއްދަވައި މޭޔަރުކަން ކާމިޔާބު ކުރައްވާނެ ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގައި މިރޭ އަނަސް އަށް ތައުރީފުކުރައްވާ ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ އަނަސް، ބޮޑުތަކުން އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށާއި އެކަމާ އެއްވެސް ޝައްކެއް ނުކުރައްވާ ކަމަށެވެ.

"އަޅުގަނޑު މި ދަންނަވަނީ، ބައްލަވަން ތިއްބަވާ އަނަސް 12،000 މާލޭ ވޯޓް ނަގާނެ. އަޅުގަނޑު ވަރަށް ރަނގަޅަށް، އިރާދަކުރެއްވިއްޔާ 12،000 މާލޭ ވޯޓް އަނަސް ނަންގަވާނެ. މިކަމާ އަޅުގަނޑުގެ ހިތުގައި ކުޑަވެސް ޝައްކެއްނެތް. އަނަސްއާ އެންމެ ގާތްކުރާ މީހާއަށް 1500 ވޯޓްވެސް ނުނަގާނެ، ބައްލަވާތި." ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެމްޑީޕީގެ ސެކެޓްރީ ޖެނަރަލްގެ މަގާމުގައި ހުންނަވައިގެން މިދިޔަ ފަސް އަހަރުތެރޭ އެ ޕާޓީއަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ކަމަށާއި އެ މަސައްކަތްތަކަށް ޝުކުރުއަދާ ކުރާ ކަމަށެވެ.

އަނަސް އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބުކޮށް މޭޔަރުކަމަށް ވާދަކުރުމުގެ ޓިކެޓް ހޯދެއްވީ މިހާރުގެ މޭޔަރު ޝިފާ މުހައްމަދު ބަލިކުރުމަށް ފަހުއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!