މުނިފޫހިފިލުވުން

ބިގްބޮސް 13: ރަޝްމީ ޝޯ ކާމިޔާބު ކުރުމަށް ކުރީގެ ލޯބިވެރިޔާ އަރްހާންގެ ބޭނުން ކުރަނީތަ؟

ދެން އެމްވީ ، ދެން އޮންލައިން

ބިގްބޮސް ސީޒަން 13 ނިމެން ހަފްތާއަކަށް ވެފައިވާއިރު، މި ޝޯ ވެފައިވަނީ އިންޑިއާގެ ނަމްބަރު ވަން ރިއަލިޓީ ޝޯއަށެވެ. ބިގްބޮސް 13 އަކީ ގިނަ ދިވެހިން ވެސް ބަލަމުން ގެންދާ ޝޯއެކެވެ. ކްލާސް ޓީވީ އިން ދައްކާ ބިގްބޮސްގެ 13 ވަނަ ސީޒަންވެސް ހޯސްޓް ކުރަމުންދަނީ މަޝްހޫރު ބަތަލް ސަލްމާން ހާންއެވެ. ބިގްބޮސްގެ މިފަހަރުގެ ސީޒަން ވެގެން ގޮސްފައިވަނީ ޑްރާމާއި އާއި އަރާރުންވުމާއި ޒުވާބު ކުރުން ވަރަށް ބޮޑު ސީޒަން އަކަށެވެ.

Ads by Sosun Fihaara

ބިގްބޮސް 13ގެ ބައިވެރިއެއް ކަމަށްވާ ރަޝްމީ ޑެސާއީގެ ޒާތީ ދިރިއުޅުމާއި ގުޅޭ ވަރަށް ގިނަ ވާހަކަތަކެއް ވަނީ މި ޝޯގެ ތެރެއިން ތިލަވެގެން ގޮސްފައެވެ. ރަޝްމީގެ ލޯބިވެރިޔާ އަރްހާން ހާންވެސް މި ޝޯގައި ބައިވެރިވެފައިވާއިރު، ޝޯގެ ހޯސްޓް ސަލްމާން ހާން ވަނީ އަރްހާންގެ ހަގީގަތް ރަޝްމީއަށް ކިޔައިދީފައެވެ. އަރުހާން މީހަކާއި އިނދެގެން ދަރިއެއް ހުންނަ ވާހަަކަ ޝޯގެ އެޕިސޯޑެއްގެ ތެރެއިން ރަޝްމީ ކައިރި ސަލްމާން ބުނުމުން، ރަޝްމީއަށް ވަރަށް ބޮޑު ޝޮކެއް ވެސް ލިބުނެވެ.

އެހެންނަމަވެސް، އެ ހުރިހާ ވާހަކަތަކެއް ފަޅާ އަރާ، އޭގެ ދެދުވަސް ފަހުން ރަޝްމީ ވަނީ އަރްހާން އަށް މާފްކޮށް ޝޯގެ ތެރެއިން އަރްހާން އަށް ލޯބިވެސް ހުށަހަޅާފައެވެ. ނަމަވެސް އަނެއްކާ އޭގެ ފަހުން އަރުހާން ޝޯއިން ކެޓުމަށްފަހު ރަޝްމީއާއި ބެހޭ ގޮތުން ދެއްކި ވާހަކަތަކެއްގެ ސަބަބުން ރަޝްމީ މިވަނީ ޝޯގެ ތެރެއިން ހަމަ އަރްހާން އާއި ގުޅުން ނިންމާލީ ކަަމަށް އިއުލާންކޮށްފައެވެ.

އަރްހާން މީހަކާއި އިނދެގެން އުޅޭ ވާހަކަ ސަލްމާންހާން ބުނުމުން ރަޝްމީ ވަނީ އޭނާއަށް އެކަން އެނގޭ ކަމަށް ބުނެފައެވެ. ނަމަވެސް އޭގެ މަހެއްހާ ދުވަސް ފަހުން އަނެއްކާ އެވާހަކަތައް ތިލަވުމުން ރަޝްމީ ވަނީ އަރްހާން މީހަކާއި އިނދެގެން އުޅޭކަން އޭނާއަށް ނޭނގޭ ކަމަށް ބުނެފައެވެ. އަރްހާން މީޑިއާގައި ވާހަކަދައްކަމުން ބުނެފައިވަނީ ރަޝްމީއަށް ހުރިހާ ވާހަކަތަކެއް އެނގޭ ކަމަށެވެ.

ަރަޝްމީ ޑެސާއީގެ ވާހަކަތައް ދިމާނުވާތީ ގިނަ ބަޔަކު ވަނީ އޭނާ ޝޯ ކާމިޔާބު ކުރުމަށް ކުރީގެ ލޯބިވެރިޔާ އަރްހާންގެ ބޭނުން ކުރަނީ ކަމަށް ތުހުމަތު ކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!