އުދައްޔު މަރާލުމުގެ ދައުވާ މާޒިނާއި ޝަމީމުގެ މައްޗަށް ސާބިތުވެއްޖެ

8 ފެބްރުއަރީ 2021 ދުވަހުގެރޭ، ގއ.މާމެންދޫގައި ހިނގި މާރާމާރީތަކާ ގުޅިގެން، އެ ރަށު ލިލީއޮފްދަވެލީ، އަހުމަދު އުދައްޔު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ އެ ރަށު މުހައްމަދު މާޒިން އާއި އަހުމަދު ޝަމީމުގެ މައްޗަށް ސާބިތުވާ ކަމަށް ކުރިމިނަލް ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.
އަދި އެރޭ ހިނގި މާރާމާރީގައި ތޫނު އެއްޗެއް ބޭނުން ކޮށްގެން ފިރުޝާން ޒާހިރާ މެދު މާރާމާރީ ހިންގުމުގައި ބައިވެރިވި ކަމުގެ ދަޢުވާ ޝަރަފު ރަޝީދާއި، މުޙައްމަދު މާޒިންގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅާފައިވެ އެވެ.
ދަޢުވާތަކާމެދު ގޮތް ނިންމަވަމުން ގާޒީ ފާހަގަކުރެއްވި ގޮތުގައި އަހުމަދު ޢުދައްޔު މަރުވި ހަމަލާ ދީފައިވަނީ އަހުމަދު މާޢިޝް ޒަކީ ކަމަށް ވީ ނަމަވެސް އޭނާއާއެކު އެއް ޖަމާއަތެއްގެ ގޮތަށް އެކަކު އަނެކަކަށް ވާގިދީ އެހީތެރިކަންދޭ އުސޫލުން މުޙައްމަދު މާޒިންއާ އަޙްމަދު ޝަމީމް ޙަރަކާތްތެރިވެފައިވާ ކަމަށެވެ.
މި ތިން މީހުން ކޭވަނެބެއްޔާ މަގާއި ކަތިއްބެއްޔާ މަގާ ގުޅުނު ހަތަރު އަނގޮޅީގައި އެކުގައި މާރާމާރީ ހިންގުމުގައި އުޅުމާއި، ވަޅި ނުވަތަ ތޫނު އެއްޗެއް ހިފައިގެން މި ތިން މީހުން އެކުގައި ހަތަރު އަނގޮޅިއަށް ދުވެފައި އައި އައުމާއި، މި ތިން މީހުންވެސް އަޙްމަދު ޢުދައްޔުއާމެދު މާރާމާރީ ހިންގުމުގައި އުޅެފައިވާކަން ފާހަގަކުރައްވާފައިވެ އެވެ.
އެހެންކަމުން އުދައްޔު މަރާލުމުގައި މާޢިޝް އާއެކު މާޒިންއާއި ޝަމީމް އަމަލީ ގޮތުން ބައިވެރިވުމުގެ ޢަމަލުތަކެއް ކޮށްފައިވާ ކަމަށާއި، މިކަމުގެ ސަބަބުން ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވީ ކަން ސާބިތުވާ ކަމަށް ކަނޑައަޅުއްވާފައިވެ އެވެ.
ޝަރަފު ރަޝީދުގެ މައްޗަށް ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ އުފުލި ނަމަވެސް، މި ދައުވާ އޭނާގެ މައްޗަށް ސާބިތުނުވާ ކަމަށް ކަނޑައަޅާފައިވެ އެވެ.
ޝަރަފު ރަޝީދަށް ކޭވަނެބެއްޔާ މަގާ ކަތިއްބެއްޔާ މަގާ ގުޅުނު ހަތަރު އަނގޮޅީގައި މާރާމާރީ ހިންގި ވަގުތު ހުރެވުނު ސަބަބަކީ މީނާ އިން ސައިކަލުގައި ޢުދައްޔުގެ ބޭބެ ފައިން ޖަހައި ވައްޓައިލުމުގެ ސަބަބުން ކަމަށް ފާހަގަކޮށްފައިވެ އެވެ.
އަދި އުދައްޔުއާ މާރާމާރީ ހިނގަމުން ދިޔަ ވަގުތު މީނާ ހިނގާފައި ގޮސް އެ ސަރަހައްދުގައި ހުރި ގެއަކަށް ވަތްކަން ހެކިތަކުން އެނގެން އޮތުމާއި، މީނާ ޢުދައްޔުއާމެދު އެއްވެސް މާރާމާރީއެއް ހިންގުމުގައި ބައިވެރިވެފައިވާ ކަމަށް އެއްވެސް ހެއްކަކު ބުނެފައި ނުވެ އެވެ.
އެހެންކަމުން ޝަރަފު ރަޝީދަށް މާރާމާރީ ހިނގި ސަރަހައްދުގައި އެ ވަގުތު ހުރެވިފައިވަނީ އެހެން މީހަކު ކުރި އަމަލެއްގެ ނަތީޖާއިން ކަމަށް ވުމާއި، ޢުދައްޔުއާމެދު މާރާމާރީ ހިންގުމުގެ ގޮތުން މީނާ ކުރި އެއްވެސް ކަމެއް ނެތުމުން ކުށް ސާބިތުނުވާ ކަމަށް ނިންމި އެވެ.
ތޫނު އެއްޗެއް ބޭނުންކޮށްގެން ފިރުޝާން ޒާހިރާމެދު މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ދަޢުވާ ޝަމީމުގެ މައްޗަށް އުފުލާފައިވާއިރު، ފިރުޝާން ޒާހިރާ މެދު ކަތިއްބެއްޔާ މަގާއި ކޭވަނެބެއްޔާ މަގާ ގުޅުނު ހަތަރު އަނގޮޅީގައި ހިނގައިދިޔަ މާރާމާރީގައި ޝަމީމް ބައިވެރިވީ ކަމަށް އެއްވެސް ހެއްކަކު ބުނެފައި ނުވާތީ، މި ދައުވާ ޝަމީމުގެ މައްޗަށް ސާބިތު ނުވާ ކަމަށް ކަނޑައެޅުއްވި އެވެ.
ބައެއް ދައުވާތައް ސާބިތުވާ ކަމަށް ކަނޑައެޅުމާ ގުޅިގެން ދެން އޮންނާނީ ވާރިސުންގެ ހެކިބަސް ނެގުމާއި، އަދަބާ ގުޅިގެން ވާހަކަ ދެއްކުމާއި ހުކުމް ކުރުމެވެ. އެކަމަށް މި ފެށޭ ސެޕްޓެންބަރު މަހު އަޑުއެހުމެއް ތާވަލު ކުރައްވާނެ ކަމަށް ގާޒީ އިއުލާނުކުރެއްވި އެވެ.
