ރިޕޯޓް

"ބިކިނީ" ފަތުރުވެރިޔާގެ އަތްދަށުވާކަށް ނުޖެހޭ، ފުލުހުން އޭނާ ހައްޔަރުކުރީ ރަނގަޅަށް!

ދެން އެމްވީ ، ދެން އޮންލައިން

މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ފުލުހުން ވަނީ ކ. މާފުށީގައި މަސްތުގެ ހާލުގައި ނިވާކަން ކުޑަކޮށް އުޅުނު އަންހެން ފަތުރުވެރިޔަކު ހައްޔަރުކޮށްފައެވެ. އެ ފަތުރުވެރިޔާ ހައްޔަރުކުރި ވީޑިއޯއެއް ވެސް ވަނީ އާންމުވެފައެވެ. އެ ވީޑިއޯ އިން ފެންނަނީ ފަތުރުވެރިޔާ ދެކޮޅު ހަދަނިކޮށް، އޭނާގެ އަތުގައި ބިޑިއަޅުވައި ހައްޔަރުކުރާ މަންޒަރެވެ.

Ads by STELCO

އެ ހާދިސާއާ ގުޅިގެން އެންމެ ފުރަތަމަ އާންމުވި ވީޑިއޯ އިން އަސްލު މަންޒަރެއް ސާފެއް ނުވެއެވެ. އެ ވީޑިއޯގައި ފަތުރުވެރިޔާގެ ކުށެއް އޮތް ކަމެއް ނުފެނެއެވެ. އެ ވީޑިއޯ އާންމުވުމާއެކު ފުލުހުންނަށް ފުރަތަމަ އަމާޒުވީ ފާޑުކިޔުންތަކެވެ. ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންނަށް ނަސޭހަތްނުދީ އެގޮތަށް ބިޑި އަޅުވައިގެން ހައްޔަރުނުކުރެވޭނެ ކަމަށް ބުނެ ފާޑުކިޔުންތައް އަމާޒުވިއެވެ.

ފަތުރުވެރިޔާ ހައްޔަރުކުރި ހަބަރު ބޭރުގެ މީޑިއާތަކަށް

ޑެއިލީމެއިލް ފަދަ މަޝްހޫރު ނޫސްތަކުން ރާއްޖޭގައި ފަތުރުވެރިޔާ ހައްޔަރުކުރި ހަބަރު ގެނެސްދިނެވެ. އެ ހަބަރުތަކުގައި ވެސް ގޯސްވީ ފުލުހުންނެވެ. ސަބަބަކީ އެ މީޑިއާތަކުން އަސްލު ހިނގައިދިޔަ ގޮތް އޮޅުންފިލުވާފައި ނުވުމެވެ. އެ މީޑިއާތަކުން ބަރޯސާވީ ފުރަތަމަ އާންމުވި ވީޑިއޯއަށެވެ.

ބޭރުގެ މީޑިއާތަކުން ހަބަރު ގެނެސްދިން ގޮތުން އެތައް ދިވެހިންތަކެއް ވަނީ އެ މީޑިއާތަކަށް ފާޑުކިޔައިފައެވެ. ހާއްސަކޮށް ޑެއިލީމެއިލްއަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުކުރިއެވެ. ރާއްޖޭގައި މީހުން ދިރިއުޅޭ އާންމު ސަރަހައްދުތަކުގައި ނިވާކަން ކުޑަ ހެދުން އަޅައިގެން ނޫޅެވޭކަން އެ މީޑިއާތަކަށް ނޭނގުމުން އެކަން އޮތް ގޮތް ބެލުމަށް ގޮވާލަމުންދިޔައެވެ. ބިކިނީގައި އާންމުން އުޅޭ ސަރަހައްދުތަކުގައި އުޅުމަކީ މަނާކަމެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވަނީ އަޑުއުފުލައިފައެވެ.

ފަހުން އާންމުވި ވީޑިއޯ އިން މަންޒަރު ސާފު

ފަހުން އާންމުވި އެ ހާދިސާއާ ގުޅޭ ވީޑިއޯ އިން އަސްލު އެކަން ހިނގައިދިޔަ ގޮތް ސާފުވެއެވެ. އެ ވީޑިއޯ އިން މަސްތުގެ ހާލުގައި ބިކިނީގައި ހުރި ފަތުރުވެރިޔާއަށް ފުލުހުން ނަސޭހަތްތެރިވާތަން ފެނެއެވެ. އެގޮތަށް ރަށު ތެރޭގައި އުޅުމަކީ މަނާކަމެއް ކަން އަންގައިދޭން ފުލުހުން އެތައް މަސައްކަތެއް ކުރެއެވެ.

އެވަގުތަކީ ސްކޫލު ކުދިން ވެސް ނިމިގެން ގެއަށް ދިއުމަށް މަގުމަތީގައި އުޅުނު ވަގުތެވެ. އެހެންކަމުން ފަތުރުވެރިއެއް ކަމަށްވިޔަސް، އެގޮތަށް މަގުމަތީގައި އުޅެވިގެން ނުވާނެއެވެ. ރާއްޖޭގެ ގާނޫނާއި ގަވައިދުތަކަށް އިހުތިރާމުކުރަން ޖެހޭނެއެވެ.

އެ ފަތުރުވެރިޔާ ކުރި ކުށަކީ މަސްތުގެ ހާލުގައި މަގުމަތީގައި ބިކިނީގައި އުޅުމެއް ވެސް ނޫނެވެ. އޭނާ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވިއެވެ. ފުލުހުންގެ ގަޔަށް އަތްލައި ވެސް ހެދިއެވެ. ފުލުހުންނަށް އިހުތިރާމެއް ނުކުރިއެވެ. ހައްޔަރުކުރަން މަޖުބޫރުވީ ވެސް އެހެންވެގެންނެވެ.

މާފުށީގައި އަންހެން ފުލުހަކު ނެތުމަކީ އޮފިސަރުންގެ މައްސަލައެއް ނޫން

އެ ހާދިސާއާ ގުޅިގެން ފުލުހުން ބުނެފައިވާ ގޮތުގައި މާފުށީގައި އަންހެން އޮފިސަރަކު މަސައްކަތެއް ނުކުރެއެވެ. އަދި ފަތުރުވެރިޔާ ހައްޔަރުކުރުމުގައި ފުލުހުން އަމަލުކުރި ގޮތުން މައާފަށް ވެސް އެދުނެވެ. އެ ފުލުސް އޮފިސަރުންގެ މައްސަލަ ބެލުމަށް ވެސް ފުލުހުން ނިންމިއެވެ.

މާފުށީގައި އަންހެން އޮފިސަރުން ނެތުމަކީ ފުލުހުންގެ މުއައްސަސާގެ މައްސަލައެކެވެ. އަންހެން ފުލުހަކު ނެތޭ ކިޔާފައި ގާނޫނާ ހިލާފަށް ކުޑަކުދިންގެ ތެރޭގައި ބިކިނީގައި އުޅެން އެ ފަތުރުވެރިޔާއަށް ފުރުސަތެއް ނުދެވޭނެއެވެ. މަސްތުގެ ހާލަތުގައި ފުލުހުންގެ ދައުރަށް ހުރަސް އެޅިޔަދީގެން ވެސް ނުވާނެއެވެ.

ނަޝީދާއި ސީޕީ ހަމީދަށް ގޯސްވީ އޮފިސަރުން، އިމްރާނަށް ގޯހެއް ނޫން

އެ ހާދިސާ ހިނގިތާ މާގިނައިރުތަކެއް ނުވަނީސް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވަނީ ޓުވީޓެއް ކުރައްވައިފައެވެ. އެ ޓުވީޓުގައި ސީޕީ ހަމީދު ފަތުރުވެރިޔާ ހައްޔަރުކުރުމުގައި ފުލުހުން އަމަލުކުރީ ގޯސްކޮށް ކަމަށް ވިދާޅުވެ، މައާފަށް އެދިވަޑައިގެންފައެވެ.

އޭގެ ފަހުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ މައާފަށް އެދިވަޑައިގެންފައެވެ. އަދި އެ ފަތުރުވެރިޔާއަށް ރާއްޖެ އައުމަށް ރައީސް ނަޝީދު ދައުވަތު ވެސް އެރުވިއެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ވަނީ އެ ހާދިސާއާ ގުޅޭގޮތުން ވާހަކަދައްކަވައިފައެވެ. އިމްރާން ވިދާޅުވިގޮތުގައި އެ ހާލަތުގައި ފުލުހުން އަމަލުކޮށްފައިވަނީ ގޯސްކޮށޭ ނުބުނެވޭއެވެ. އިމްރާން ވަނީ އެ ފުލުސް އޮފިސަރުންގެ ދިފާއުގައި ވާހަކަދައްކަވައިފައެވެ.

ފަތުރުވެރިޔާ ބޭނުންވީ މަޝްހޫރުވާން

މަސްތުގެ ހާލުގައި ބިކިނީގައި އުޅުނު އަންހެން ފަތުރުވެރިޔާއަކީ މަޝްހޫރުކަން ހޯދަމުން އަންނަ ޓްރެވަލް ބްލޮގަރެކެވެ. އޭނާއަކީ އިނގިރޭސިވިލާތަށް އުފަން އުމުރުން 26 އަހަރުގެ ސިސީލިއާ ޖެސްޓާޒެމްބްސްކާއެވެ.

ސިސީލިއާއަކީ އިނގިރޭސިވިލާތުގެ ރިއަލިޓީ ޓީވީ ޝޯތަކުން ވެސް މަޝްހޫރުކަން ހޯދަމުން އަންނަ ފަންނާނެކެވެ. ހާއްސަކޮށް ފަސްޓް ޑޭޓްސްގެ އެޕިސޯޑެއްގައި އޭނާ ކުޅުނު ރޯލަށް ގިނަ ބަޔަކު ތައުރީފުކޮށް ވާހަކަދެއްކިއެވެ.

ފަސްޓް ޑޭޓްސްގައި އެ ކުޅުނު ރޯލުގައި ސިސީލިއާއަށް އެތައް ބަޔަކު ތައުރީފު ކުރި ނަމަވެސް، ރާއްޖޭގައި މަޝްހޫރުވާން އޭނާ ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައެވެ. ރާއްޖެ އައުމަށް ސިސީލިއާއަށް ރައީސް ނަޝީދު ދައުވަތު އެރުވި ނަމަވެސް، ރާއްޖޭގެ އަގުވައްޓާލުމުގެ މަސައްކަތްކުރާ މީހަކަށް އެ ފުރުސަތު ދީގެން ނުވާނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!