ޚަބަރު

ނޫމަޑީގެ މައްސަލައިގައި ދައުލަތުން 55 މިލިއަން ޑޮލަރު ދައްކައިފި

ދެން އެމްވީ ، ދެން އޮންލައިން

ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަން އޭޖީ އިން ނެދަލޭންޑްސްގެ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަންގައި ދިވެހި ސަރުކާރާ ދެކޮޅަށް 155 މިލިއަން ޑޮލަރު ބަދަލުގައި ހުށައެޅި މައްސަލައިގެ ތެރެއިން ސަރުކާރުން، ކޯޓުން ބޭރުގައި 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ދައްކައިފިއެވެ.

Ads by Sosun Fihaara

ރައްޔިތުންގެ މަޖިލީހުގައި މިނިސްޓަރުންނާ ސުވާލުކުރުމުގެ ވަގުތުގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރާ މެމްބަރުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އެ މައްސަލަ ކުރިއަށް ގެންދެވީ ރައީސުލް ޖުމްހުރިއްޔާ އެކުލަވާލި ސެޓްލްމަންޓު ކޮމެޓީއަކުން ކަމަށެވެ. އަދި އެކޮމިޓީން މުޅި މައްސަލަ ދިރާސާކޮށް އައުޓް އޮފް ކޯޓު ސެޓްލްމަންޓެއް ހެދީ އެ މައްސަލަ ދިވެހި ދައުލަތަށް ކާމިޔާބު ވުމުގެ ފުރުސަތު ކުޑަކަމުން ކަމަށެވެ.

އެގޮތުން ނޫމަޑިން ހޯދަން ހުށަހަޅާފައިވާ 155 މިލިއަންގެ ތެރެއިން ކޯޓުން ބޭރުގައި މައްސަލަ ނިންމީ 55 މިލިއަން ޑޮލަރު އެކުންފުންޏަށް ދިނުމަށެވެ. އެގޮތުން ދެ ޕޭމަންޓުގެ ގޮތުގައި ދައުލަތުން ފައިސާ ދައްކައި ހަލާސްކޮށްފައިވާ ކަމަށް އަމީރު ވިދާޅުވިއެވެ.

"ކުރީގެ ސަރުކާރުން ބަލަން ޖެހޭ ވަރަށް ކަންތައްތައް ނުބަލައި އެކަންތައްތައް ކުރެވުނީމާ މިހާރު އަޅުގަނޑުމެންނަށް މިހާރު މިބަދަލު ދޭން ޖެހުނީ. ސެޓުލްމެންޓް ކޮމިޓީގެ ފަރާތުން އަޅުގަނޑުމެން ވާނެ އެޓާނީ ޖެނެރަލްގެ ފަރާތުން ފުލުހަށް ހުށަހަޅާފައި. އޭރުގެ ހައުސިން މިނިސްޓަރުު ޑރ. މުއިއްޒުގެ ޖިނާއީ ތަހުގީގެއް ކޮށް، އެ މައްސަލަ ޕްރޮސެކިއުޓާ އަށް ފޮނުވަން އަޅުގަނޑުމެން ވާނެ ކޮމިޓީގެ ފަރާތުން އެ މައްސަލަ ފުލުހަށް ހުށަހަޅާފައި،" އަމީރު ވިދާޅުވި އެވެ

ނޫމަޑިއާ ދެމެދު 2011 ގައި ސޮއިކުރެވުނު އެއްބަސްވުމަކީ 600 ހައުސިން ޔުނިޓު އެޅުމަށާއި އޭގެ ފަހުން 2013 ގައި 500 ހައުސިން ޔުނިޓް، ޕޮލިސް އެކެޑަމީ ފޭސް 1، ތިން ރަށެއްގެ ނަރުދަމާގެ ނިޒާމް ގާއިމުކުރުމަށް ސަރުކާރާ ވެވުނު އެއްބަސްވުންތަކެވެ.

ސަރުކާރުން ނޫމަޑިއާ އެކު ވެފައިވާ އެއްބަސްވުން ވަކި ހިސާބަކުން އުވާލާފައިވަނީ ނޫމަޑި އިން ކޮންޓްރެކްޓާ ޚިލާފުވި ކަމަށް ބުނެއެވެ. ނަމަވެސް އެކުންފުނިން ބުނެފައިވަނީ އެއްބަސްވުމާ ޚިލާފު ވެފައިވަނީ ސަރުކާރުން ކަމަށެވެ. އެގޮތުން ނޫމަޑިއަށް ރިސޯޓެއް ގާއިމްކުރުމަށް ދިން ރަށެއް އެއްބަސްވުމާ ޚިލާފަށް ސަރުކާރުން ނަގާފައިވާ ކަމަށާއި އެއީ ވަރަށް ބޮޑު ގެއްލުމެއް ކަމަށް ބުނެފައިވެއެވެ. މިކަން ހިނގާފައިވަނީ ޔާމީންގެ ވެރިކަމުގައި، 2015 ވަނަ އަހަރުގައެވެ.

ރަށް އަތުލުމުން ކޮންޓްރެކްޓުކުރި މަސައްކަތްތައް ހުއްޓާލާފައިވާ ކަމަށް ނޫމަޑިއިން އޭރު ބުނެފައިވާއިރު 80 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށް ބުނެފައިވެއެވެ. ނަމަވެސް މަސައްކަތް ނިންމާފައިނުވާތީ ރައްޔިތުންނަށް އޭގެ އެއްވެސް މަންފާއެއް ކުރެވިފައެއް ނުވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!