ގަވައިދާ ހިލާފަށް އުޅޭ 31،000 ބިދޭސީން ރަޖިސްޓްރީ ކޮށްފި
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގަވައިދުގެ ތެރެއަށް ފެއްތުމަށް ކުރިއަށް ގެންދިޔަ ރަޖިސްޓްރޭޝަން ޕްރޮގްރާމުގައި މިހާތަނަށް 31،000 ބިދޭސީން ރަޖިސްޓްރީވެއްޖެ އެވެ.
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވީ ގަވައިދާ ހިލާފަށް ރާއްޖޭގައި 60،000 ބިދޭސީން އުޅޭކަމަށް ލަފާކުރެވޭ ކަމަށެވެ. އެ އަދަދު ފަހަރެއްގައި އެއަށް ވުރެ ވެސް އިތުރުވެދާނެ ކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ މިމައްސަލަ ހައްލުކުރުމަށް ކުރިއަށް ގެންދިޔަ ރަޖިސްޓްރޭޝަން ޕްރޮގްރާމުގައި 31،000 މީހުން މިހާރު ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ.
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ރަޖިސްޓްރީ ކުރުން ކުރިއަށް މާޝް މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށްވެސް މިނިސްޓަރު ވަނީ މައުލޫމާތު ދީފަ އެވެ.
ފައްޔާޒު ވިދާޅުވީ ދައުލަތުގެ ވަސީލަތްތަކާއި ފުދުއްތެރިކަން ހުރި ގޮތުން މި ޕްރޮގްރާމު ކުރިއަށް ގެންދަނީ ވަރަށް ގިނަ ދަތިތަކާއި ގޮންޖެހުންތަކަކާ އެކު ކަމަށެވެ. ނަމަވެސް ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން ދެބައިކުޅަ އެއްބައި ބިދޭސީން ރަޖިސްޓްރީ ކުރެވިފައިވާތީ މިނިސްޓަރު ވަނީ މި ޕްރޮގްރާމުގެ ތެރެއިން ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލުތަކެއް ލިބޭނެ ކަންވެސް ފާހަގަކުރައްވާފަ އެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ރަޖިސްޓްރީ ކުރުމަށް ޕްރޮގްރާމެއް ފެށުމާ އެކު އިކޮނޮމިކް މިނިސްޓްރީން ވަނީ ބަންގްލަދޭޝަންގެ އަން-ސްކިލްޑް ލޭބަރުން ރާއްޖެއަށް ގެނައުން މަނާކޮށްފަ އެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ހުރިހާ ސަރުކާރުތަކުން ވެސް މަސައްކަތްތަކެއް ކުރަމުން ގެންގޮސްފައިވެ އެވެ. ނަމަވެސް އެގޮތަށް ކުރެވުނު މަސައްކަތުގައި އެކަށީގެންވާ ނަތީޖާއެއް ފެނިފައެއް ނުވެ އެވެ.