މޫސުން އަދިވެސް ގޯސް، ށ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ހުދު ސަމާލު ނެރެފި
މޫސުން ގޯސްވެ ށ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖީ ސަރވިސް (މެޓް އޮފީސް)އިން ބުނީ, ހުދު ސަމާލު ނެރެފައި ވަނީ 06:00އިން ފެށިގެން 11:00އާ ހަމަޔަށެވެ. މި ވަގުތުތަކުގައި ގަޑިޔަކު ގާތްގަޑަކަށް 19 މޭލާ 24 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެއެވެ.
މި ދުވަސްވަރު ރާއްޖެއަށް މޫސުން ގޯސްވުމާ ގުޅިގެން ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން ވެސް ވަނީ އިލްތިމާސް ކޮށްފައެވެ. އެގޮތުން ދަތުރަށް ފުރުމުގެ ކުރިން ދަތުރާ ބެހޭ މައުލޫމާތު އެންގުމާއި, އުޅަނދުތަކުގައި ލައިފްޖެކެޓާއި, މުވާސަލާތީ ނިޒާމާއި, ދިޔަ ހިއްކާ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ބެލުމަށް އިތުރުން ހާއްސަކޮށް ރޭނގަޑު ދަތުރު ކުރާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދިނުމަށް ކޯސްޓްގާޑުން ވަނީ އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން ހާދިސާއެއް ދިމާވެއްޖެ ނަމަ ލަސްނުކޮށް, އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191އަށް ގުޅައިގެން މަޢުލޫމާތު ހިއްސާކުރުމަށް ވެސް އެމްއެންޑީއެފުން އިލްތިމާސްކޮށްފައިވެއެވެ.