ޚަބަރު

ގާސިމްގެ އާއިލާގެ ކިބައިން އަދުހަމް މައާފަށް އެދިއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ޓެކްސީ ޑްރައިވަރު ގާސިމް އިބްރާހިމަށް ވަޅިން ހަމަލާ ދެވުނު ކަމަށާއި އެކަން ކުރެވުނީ މަސްތުގެ ހާލަތުގައި ހުރުމުން ކަމަށް ބުނެ ވާރިސުންގެ ކިބައިން އަދުހަމް މުހައްމަދު މާފަށް އެދިއްޖެ އެވެ.

Ads by MWSC

އަދުހަމްގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. މިފަދަ މައްސަލަތަކުގައި މަރަށް މަރު ހިފަން ވާރިސުން ބޭނުންވާ ނަމަ، އަންނާނީ މަރުގެ އަދަބެވެ. ނަމަވެސް ވާރިސުން އެކަން ބޭނުން ނުވާނަމަ، އަންނާނީ އުމުރަށް ޖަލަށްލުމުގެ ހުކުމެކެވެ.

ނަމަވެސް އަދުހަމްއާ އެކު ދައުލަތުން ހެދި އިއުތިރާފްގެ އެއްބަސްވުމުގައިވާ ގޮތުން ވާރިސުން މަރަށް މަރު ހިފަން ބޭނުންނުވާ ހާލަތެއްގައި އަދުހަމަށް ދިނުމަށް ދައުލަތުން ހުށަހަޅާފައިވަނީ 17 އަހަރާއި ހަ މަހުގެ ޖަލު ހުކުމެކެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ ޝަރީއަތުގެ އަޑުއެހުމުގައި ދައުލަތުން ވަނީ އަދުހަމްގެ މައްޗަށް އުފުލާފައިވާ ދައުވާ އިއްވާފައެވެ. ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ދައުވާ އިއްވުމުން އަދުހަމް ބުނީ ދައުވާ ސާފުވެއްޖެ ކަމަށާއި ގާސިމް މަރާލި ކަމަށް އިއުތިރާފްވާ ކަމަށެވެ. އަދި އެ ކުށަށް އެއްބަސްވަނީ މަޖުބޫރު ކަމެއް ނެތި ކަމަށްވެސް އަދުހަމް ބުންޏެވެ.

އަދުހަމް ބުނީ އޭނާއަށް އެކަން ކުރެވުނީ މަސްތުގެ ހާލަތުގައި ހުރެގެން ކަމަށާއި ނަމަވެސް ފަހުން ކުރެވުނު ކަމާ ދެރަވެ، ތައުބާވެ ނަމާދު ވެސް ކުރި ކަމަށް އަދުހަމް ބުންޏެވެ.

"އަޅުގަނޑު މިއަދު މާފަށް އެދެން، އާއިލާއިން އަޅުގަނޑަށް މާފުކޮށް ދިނުމަށް އެދެން" އަދުހަމް ބުންޏެވެ.

އަދުހަމް ކުށަށް އިއުތިރާފްވުމާ ގުޅިގެން ގާޒީ މިއަދުގެ އަޑުއެހުން ނިންމަވާލެއްވީ ފަސް ދުވަސް ފަހުން މިމައްސަލައިގައި ޝަރީއަތުގެ މަޖިލިސް ބާއްވާ ހުކުމް ކުރާނެ ކަމަށް އިއުލާންކުރެއްވުމަށްފަހު އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!