ޚަބަރު

ރާއްޖޭގައި ކްލައިމެޓް އެމާޖެންސީ އިއުލާނު ކުރަން މަޖިލީހުން ފާސްކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖޭގައި ތިމަވެށީގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

Ads by STELCO

މިގޮތަށް ފާސްކުރީ މޫސުމީ ބަދަލުތަކާ ގުޅިގެން ރާއްޖެއަށް އަންނަ ބަދަލުތަކާ ގުޅިގެންނެވެ.

ކުއްލި ހާލަތު އިއުލާން ކުރުމަށް ގޮވާލައި ގަރާރު މަޖިލީހަށް ހުށަހެޅުއްވީ ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމެވެ.

ކޮމިޓީ ރިޕޯޓް މަޖިލީހަށް ހުށަހަޅުއްވަމުން ސަލީމް ވިދާޅުވީ، ދުނިޔޭގެ އެވްރެޖް ފިނިހޫނުމިން އިތުރު ދެ ޑިގްރީސެލްސިއަަސް އަށް އުފުލުނު ކަމުގައި ވިޔަސް ރާއްޖޭގެ ނާޒުކު ފަރުތައް ހަލާކުވެ ނެތި ދާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލި ވާރޭވެހޭ މިންވަރު ރާއްޖެއަށް އިތުރުވެ ފެންބޮޑުވުމުގެ މައްސަލަތައް އިތުރަށް ބޮޑުވާނެކަން ސަލީމް ފާހަގަ ކުރެއްވި އެވެ.

ސަލީމް ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވާ މޫސުމީ ބޮޑު ގޮންޖެހުން ދިމާވެފައިވަނީ ރާއްޖޭގެ ރައްޔިތުންގެ ސަބަބުން ނޫންކަމަށެވެ. އެހެން ނަމަވެސް އެކަމުގެ ހިތި ތަހައްމަލު ކުރަންޖެހިފައިވަނީ ދިވެހި ރައްޔިތުންނަށް ކަން ސަލީމް ފާހަގަކުރެއްވި އެވެ.

ކްލައިމެޓް ޗޭންޖް ކޮމިޓީން މަޖިލީހަށް ހުށަހެޅި ރިޕޯޓްގައި އެދިފައިވަނީ، ރާއްޖޭގައި "ކްލައިމެޓް އެމާޖެންސީ" އިއުލާނު ކުރުމަށް ފާސްކުރުމަށެވެ.

ކޮމިޓީގެ ނިންމުން ފާސްކުރަން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައިވެރިވި 68 މެމްބަރުން ވޯޓު ދެއްވާފައިވެ އެވެ.

އެ ގަރާރު ފާސްކޮށްފައި ވަނީ ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާގެ ސަމާލުކަމަށް އެކަން ގެނެސް ގަރާރުގައި ވާ ކަންކަން ކުރުމަށް ސަރުކާރަށް ގޮވާލައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!