ޚަބަރު

ވާރިސުން މާފުދީފިނަމަ އަދުހަމަށް އަންނާނީ 17 އަހަރުގެ ޖަލު ހުކުމެއް: ޕީޖީ

ދެން އެމްވީ ، ދެން އޮންލައިން

ޓެކްސީ ޑްރައިވަރު ގާސިމް ހަސަންގެ މަރުގެ މައްސަލާގައި ދައުވާ އުފުލާފައިވާ އަދުހަމް މުހައްމަދާއެކު ދައުލަތުން ހަދާފައިވާ އިއުތިރާފްގެ އެއްބަސްވުމުގެ ދަށުން، ވާރިސުން މާފްކޮށްދީފި ނަމަ އޭނާއަށް އަދަބު 17 އަހަރާއި ހަ މަސް ދުވަހުގެ ބަންދަކަށް ލުއިކޮށްދޭނެ ކަމަށް ޕްރޮސެކިއުޓާ ޖެނަރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

Ads by MWSC

އަދުހަމްގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. މިފަދަ މައްސަލަތަކުގައި މަރަށް މަރު ހިފަން ވާރިސުން ބޭނުންވާ ނަމަ، އަންނާނީ މަރުގެ އަދަބެވެ. ނަމަވެސް ވާރިސުން އެކަން ބޭނުން ނުވާނަމަ، އަންނާނީ އުމުރަށް ޖަލަށްލުމުގެ ހުކުމެކެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ ޝަރީއަތުގެ އަޑުއެހުމުގައި ދައުލަތުން ވަނީ އަދުހަމްގެ މައްޗަށް އުފުލާފައިވާ ދައުވާ އިއްވާފައެވެ. ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ދައުވާ އިއްވުމުން އަދުހަމް ބުނީ ދައުވާ ސާފުވެއްޖެ ކަމަށާއި ގާސިމް މަރާލި ކަމަށް އިއުތިރާފްވާ ކަމަށެވެ. އަދި އެ ކުށަށް އެއްބަސްވަނީ މަޖުބޫރު ކަމެއް ނެތި ކަމަށްވެސް އަދުހަމް ބުންޏެވެ.

އަދުހަމް ބުނީ އޭނާއަށް އެކަން ކުރެވުނީ މަސްތުގެ ހާލަތުގައި ހުރެގެން ކަމަށާއި ނަމަވެސް ފަހުން ކުރެވުނު ކަމާ ދެރަވެ، ތައުބާވެ ނަމާދު ވެސް ކުރި ކަމަށް އަދުހަމް ބުންޏެވެ.

މި މައްސަލާގައި އިއްޔެ ކްރިމިނަލް ކޯޓުގައި ބޭއްވި އަޑު އެހުމުގައި ޕީޖީގެ ފަރާތުން ވަނީ އަދުހަމްއާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދާފައިވާ ކަން ވެސް ހާމަކޮށްފަ އެވެ.

އެ އެއްބަސްވުމުގެ ތަފްސީލް ދެއްވުމަށް ޕީޖީ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝަމީމް ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 104 ވަނަ މާއްދާގެ ދަށުން އަދުހަމްއާއެކު ހަދާފައިވާ އިއުތިރާފްގެ އެއްބަސްވުމުގައިވާ ގޮތައް މިއަދުގެ ޝަރީއަތުގައި ގާސިމް މަރުގެ ހާދިސާ ހިނގައިދިޔަ ގޮތް އޭނާ ކިޔާ ދޭނެ ކަމަށެވެ.

އެ މައްސަލާގައި އެންމެ ބޮޑު އަދަބަކަށް އޮންނާނީ މަރުގެ އަދަބު ނުވަތަ 25 އަހަރަށް ޖަލަށްލުން ކަމަށާއި ނަމަވެސް އިއުތިރާފުގެ އެއްބަސްވުމާއެކު އެ އަދަބު 17 އަހަރާއި ހަ މަސް ދުވަހަށް ލުއިކޮށްދޭން ނިންމާފައިވާ ކަމަށް ޝަމީމް ވިދާޅުވި އެވެ. އެހެން ނަމަވެސް އަދަބު ލުއިކޮށްދޭނީ މަރަށް މަރު ހިފަން ވާރިސުން ބޭނުން ނުވާ ހާލަތެއްގައި އެކަނި ކަަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!