ދުނިޔެ

ބަލްގޭރިއާގައި ބަހެއް އެކްސިޑެންޓުވެ 45 މީހުން މަރުވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބަލްގޭރިއާގެ ކެޕިޓަލްގައި ހައިވޭއަކުން ދަތުރު ކުރި ބަހެއް އެކްސިޑެންޓުވެ، 45 މީހުން މަރުވެއްޖެއެވެ.

Ads by Sosun Fihaara

ރިޕޯޓުތަކުން ބުނާ ގޮތުގައި، ރޭ ދަންވަރު ހިނގި އެކްސިޑެންޓު، ހިނގަން މެދުވެރިވި ސަބަބު އަދި ދެނެގަނެވިފައެއް ނުވެއެވެ.

"އެކްސިޑެންޓުގެ ސަބަބުން 45 ވަރަކަށް މީހުން މަރުވި. ސަލާމަތް ކުރެވިފައި ވަނީ ހަތް މީހުން. ނަމަވެސް އެމީހުންނަށް ވެސް ވަނީ އެކި ވަރުގެ އަނިޔާ ލިބިފައި" ޕަބްލިކް ބްރޯޑްކާސްޓަރ ބީއެންޓީއަށް މައުލޫމާތު ދެމުން ފަޔަރ ސޭފްޓީ އެންޑް ސިވިލް ޕްރޮޓެކްޝަން ޑިޕާޓްމަންޓުގެ ހެޑް، ނިކޮލޭ ނިކޮލޯވް ބުންޏެވެ.

ބޭރުގެ ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި، އެކްސިޑެންޓުވި ބަހުގައި 12 ކުދީން ވެސް ތިއްބެވެ. އެ ބަސް ދަތުރު ކުރަމުން ދިޔައީ ތުރުކީގެ އިސްތަންބޫލްއިން އުތުރު މެސިޑޯނިއާއަށް ކަމަށް ވެސް ރިޕޯޓުތަކުން ވަނީ ބުނެފައެވެ. ނިކޮލޭވް އިތުރަށް ބުނީ، ބަހުގައި ދަތުރު ކުރި އެންމެންނަކީ މެސިޑޯނިއާއަށް ނިސްބަތްވާ މީހުންކަން އެނގިފައި ނުވާ ކަމަށާއި އެހެން ނަމަވެސް އެކްސިޑެންޓުވި ބަހަކީ އެ ޤައުމުގެ ބަހެއްކަން އެނގިފައިވާ ކަމަށެވެ.

އެކްސިޑެންޓުގެ ބައެއް ވީޑިއޯތައް މިހާރު ދައުރުވަމުން ދާއިރު، އޭގެން ފެންނަ ގޮތުގައި އެ ބަހުގައި ވަނީ ހުޅު ވެސް ރޯވެފައެވެ.

"މިއީ ދިމާވި ވަރަށް ހިތް ދަތި ހާދިސާއެއް. ބަހުގައި ދަތުރު ކުރި ޕަސިންޖަރުން ތިބީ ފިތިފައި، އެއް ބަޔަކު އެއްކޮށް އަނދައި އަޅިއަށް ވެފައި. އެފަދަ ބިރުވެރި މަންޒަރެއް އަދި އަހަރެން ދުވަހަކު ވެސް ނުދެކެން" ބަލްގޭރިއާގެ އިންޓެރިމް ޕްރައިމް މިނިސްޓަރ ސްޓެފަން ޔާނެވް ރިޕޯޓަރުންނަށް މައުލޫމާތު ދެމުން ބުންޏެވެ.

މި އެކްސިޑެންޓު ހިނގަން މެދުވެރިވި ސީދާ ސަބަބެއް އަދި އެނގިފައި ނެތް ނަމަވެސް، ޝައްކު ކޮށްފައި ވަނީ މި އެކްސިޑެންޓު ހިނގީ ޓެކްނިކަލް މެލްފަންކްޝަނެއްގެ ސަބަބުން ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!