އެންސީޓީސީއާއި ޔޫތު މިނިސްޓްރީ ގުޅިގެން "ހަފްތާ ރެސް" ފަށައިފި
މިނިސްޓްރީ އޮފް ޔޫތު، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓާއި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް
ސެންޓަރ ގުޅިގެން ދ.ކުޑަހުވަދޫގައި "ހަފްތާ ރެސް" ޕްރޮގްރާމެއް ފަށައިފިއެވެ.
އެންސީޓީސީއިން ވިދާޅުވި ގޮތުގައި "ހަފްތާ ރެސް" ޕްރޮގްރާމްއަކީ ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ސިލްސިލާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ މަޤްސަދަކީ ރަށުގެ ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަމާއި އެއްބައެއް ވަންތަކަން ކުރިއަރުވައި ދެމެހެއްޓުމަށް ޓަކައި، އެކުވެރި، އުފާވެރި މާޙައުލެއް ޤާއިމްކޮށްދީ، މުޖްތަމަޢުގައި ހުންނަ އެކިއެކި މައްސަލަތަކާ ގުޅޭ ދާއިރާތަކުން އާންމުންނާއި، ޒުވާނުންގެ ހޭލުންތެރިކަން އިތުރުކުރުވުން ކަމަށް އެންސީޓީސީއިން މައުލޫމާތު ދެއްވައެވެ.
މި ފަހަރުގެ ޕްރޮގްރާމްގައި ދ.ކުޑަހުވަދޫގެ މުއައްސަސާތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިސްވެރިންނަށާއި، ޓީޗަރުންނަށާއި، ބެލެނިވެރިންނަށާއި، ދ.އަތޮޅަށް ނިސްބަތްވާ ރަށްތަކުގެ ޒުވާނުންނަށާއި އަދި ށ.އަތޮޅަށް ނިސްބަތްވާ ކްލަބް ޖަމިއްޔާތަކަށް މައުލޫމާތުދީ ހަރަކާތްތައް ހިންގޭނެ ކަމަށް ވެސް އެ ސެންޓަރުން މައުލޫމާތު ދެއްވައެވެ.
"ހަފްތާ ރެސް" ޕްރޮގްރާމަކީ، 2019 ވަނަ އަހަރުން ފެށިގެން ޔޫތު މިނިސްޓްރީގެ ފަރާތުން ރާއްޖޭގެ އެކި ރަށްރަށުގައި ޒުވާނުންނަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމެކެވެ. ނަމަވެސް، ކޯވިޑް-19 ޕެންޑަމިކާ ގުޅިގެން މި ޕްރޮގްރާމްތައް ހިންގުން ގިނަ ދުވަސްތަކަކަށް މަޑުޖެހިފައި އޮތުމަށް ފަހު މިއީ މިސިލްސިލާ ޕްރޮގްރާމްގެ ތެރެއިން މިއަހަރު ހިންގޭ ދެވަނަ ޕްރޮގްރާމެވެ. މި އަހަރުގައި ބޭއްވި ފުރަތަމަ "ހަފްތާ ރެސް" ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ ބ.އޭދަފުށީގައެވެ.