ޚަބަރު

އަލަށް ގެނައި އެމްބިއުލާންސްތައް ރަށްރަށަށް ފޮނުވަން ފަށައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

އަތޮޅުތަކުގެ ސިއްހީ ހިދުމަތްދޭ ތަންތަނުގައި ބޭނުން ކުރުމަށް ރާއްޖެ ގެނައި 20 އެމްބިއުލާންސް ރަށްރަށަށް ފޮނުވަން ފަށައިފިއެވެ.

Ads by Hajj Corporation

އެމްބިއުލާންސްތައް ފޮނުވާ ރަށްތަކަކީ ހދ.ކުމުންދޫ, ށ.ބިލެތްފެހި, ށ.ނަރުދޫ, ނ.ފޮއްދޫ, ކ.ކުޑަފަރީ, ބ.ކެންދޫ, އއ.މަތިވެރި, އއ.ބޮޑުފުޅުދޫ, އދ.މަންދޫ, އދ.ފެންފުށި, މ.ދިއްގަރު, މ.ކޮޅުފުށި, ފ.ފީއަލި, ތ.މަންދޫ, ތ.ބުރުނީ, ތ.ދިޔަމިނގިލި, ލ.ކުނަހަންދޫ, ގއ.ކޮލަމާފުށި, ގއ.ނިލަންދޫ އަދި ގދ.ރަތަފަންދޫއެވެ.

ރާއްޖޭގެ 20 ރަށަކަށް ފޮނުވާ އެމްބިއުލާންސްތައް މާލެ ގެނެސްފައި ވަނީ މިދިޔަ މަހުގެ 29ވަނަ ދުވަހުއެވެ.

އެ 20 އެމްބިއުލާންސަކީ އަތޮޅުތަކަށް ބޭނުންވާ 96 އެމްބިއުލާންސް ގަތުމަށް އެސްޓީއޯއަށް ހަވާލުކޮށްފައިވާ މަސައްކަތުގެ ދަށުން ގެނައި އެމްބިއުލާންސްގެ 2ވަނަ ޝިޕްމަންޓްއެވެ. އެސްޓީއޯއިން ވިދާޅުވީ ބާކީ ހުރި އެމްބިއުލާންސްތައް ގެނައުމުގެ މަސައްކަތް ވެސް ކުރައްވަމުން އަންނަކަމަށެވެ.

ރަށްރަށަށް ބޭނުންވާ އެމްބިއުލާންސްތަކުގެ ތެރެއިން ފުރަތަމަ 20 އެމްބިއުލާންސް ރާއްޖެ ގެނެސްފައި ވަނީ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުއެވެ.

އެމްބިއުލާންސްގެ ޚިދުމަތަކީ ކޮންމެ ރަށަކަށް ވެސް މުހިންމު ޚިދުމަތެކެވެ. އެމްބިއުލާންސް ހަލާކުވެ ޚިދުމަތް ނުލިބޭކަމުގެ ޝަކުވާ ގިނަ ރަށްރަށުން ކުރެއެވެ. އަދި ޚިދުމަތް މެނދުކެނޑިފައި އޮތުމުގެ ސަބަބުން ރަށްރަށަށް ގިނަ ދަތިތަކާ ކުރިމަތިވަމުންދެއެވެ. އެމްބިއުލޭންސް ދިޔުން ލަސްވެ ފަރުވާ ނުލިބުމުގެ ސަބަބުން ހިތާމަވެރި ހާދިސާތަކެއް ވެސް ވަނީ ހިނގައިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!