ލައިފްސްޓައިލް ލުއި ޚަބަރު

6 އަހަރުގެ ދަރިފުޅު ބަސް ނޭހުމުން ހޫނު ފެނުގެ ތެރެއަށް ލައި މަރައިލައިފި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
އާތުރުގެ ބައްޕައާއި ދޮން މަންމަ

އިނގިރޭސިވިލާތުގެ ދެމަފިރިއަކު، 6 އަހަރުގެ ދަރިފުޅު ބަސް ނޭހުމުންކަމަށް ބުނެ ފެންވަރާ ޓަބެއްގެ ތެރެއަށް ލައި، ހޫނުފެން އަޅައި އެ ކުއްޖާ މަރައިލައިފިއެވެ.

Ads by STELCO

އެމާ ޓަޓްސިން އަދި ތޯމަސް ހިއުސް ނަމަކަށް ކިޔާ މިދެމަފިރިން، 6 އަހަރުގެ އާތުރް ލަބިންޖޯ ހިއުސް މަރައިލައިފައި ވަނީ މިދިޔަ އަހަރުގެ ފަހުކޮޅެވެ. އޭގެ ކުރިން ދެމަފިރިން ވަނީ އެމީހުން ދިރިއުޅޭ ގެއަށް ފެންވަރާ ޓަބެއް ގަނެފައެވެ. އާތުރް ބަސް ނޭހުމުން ކަމަށް ބުނެ އޭނާ އެ ޓަބު ތެރެއަށް ލައި އޭގެ ތެރެއަށް ހޫނުފެން އަޅަމުން ގެންދިޔަކަމަށް ވެއެވެ.

އާތުރްއަކީ ތޯމަސްގެ ދަރިއެކެވެ. އެމާއަކީ އާތުރުގެ ދޮންމަންމައެވެ.

އާތުރު މަރައިލި މައްސަލަ ކޯޓުގައި ކުރިއަށް ދިޔައިރު ތޯމަސްއާއި އެމާއާ ދެމެދު ކޮށްފައިވާ މެސެޖުތަކެއް ކޯޓުގެ ސަމާލުކަމަށް ވަނީ ގެނެސްފައެވެ. އެގޮތުން އާތުރު ރޯ އަޑު ރެކޯޑުކޮށް އޯޑިއޯ ކްލިޕެއް ފޮނުވައި އެކަމާ ވަރަށް ރުޅިގަދަވާކަމަށް އެމާ ބުންޏެވެ. އެއާ އެކު އާތުރުގެ ބައްޕަ ތޯމަސް ބުނެފައި ވަނީ އެ ކުއްޖާއަކީ އަމިއްލަ އެދުން ވަރަށް ބޮޑު ކުއްޖެއް ކަމަށާއި އޭނާގެ ބޮލުގައި އެއްޗަކުން ޖަހަންވީ ކަމަށެވެ.

އާތުރު މަރައިލުމުގެ ހަފްތާއެއް ކުރިން އެމާއާއި ތޯމަސް ޓަބު ތެރޭގައި އައިސްކްރީމް ބޯން ތިބި މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖެއް ވެސް ކޯޓުގައި ވަނީ ދައްކައިފައެވެ. ހަމަ އެދުވަހު އެ ދެމީހުންގެ ދެމެދުގައި ބަދަލުކުރެވުނު މެސެޖުތަކުގައި މުޅި ދިރިއުޅުން ނަރަކައަށް ހަދައިފިކަމަށާއި، މަޑުމަޑުން ވިޔަސް މިކަމުން ސަލާމަތްވާން ޖެހޭ ކަމަށް ވަނީ ބުނެފައެވެ.

އާތުރުގެ މަރުގެ މައްސަލައިގައި ގަސްތުގައި މީހަކު މަރައިލުމުގެ ކުށުގައި ތޯމަސްއާއި އެމާ ވަނީ ޖަލަށް ލާން ހުކުމްކޮށްފައެވެ. ތޯމަސްގެ މައްޗަށް 29 އަހަރުގެ ޖަލު ހުކުމެއް އިއްވިއިރު، އެމާގެ މައްޗަށް ވެސް ވަނީ 21 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ.

އާތުރުގެ މަންމަ ފަރާތު ކާފަ ޕީޓާ ހަލްކްރޯ ބުނީ ތޯމަސްއަކީ މީގެ ކުރިން ގޯސް މީހެއް ނޫން ކަމަށެވެ. އެފަދަ ކަމެއް ކޮށްފާނެކަން އެނގޭ ނަމަ އާތުރު ތޯމަސް ކައިރީގައި ނުބެހެއްޓީސްކަމަށް ޕީޓާ ބުންޏެވެ. އަދި ދެން ދުވަހަކު ވެސް ތޯމަސްއާއި އެމާއަށް ދުވާލުގެ އަލި ނުފެނުމަށް އޭނާ އުމުރު ދުވަހު ވެސް އެދޭނެކަމަށް ޕީޓާ ބުންޏެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!