ދީން

ދެމަފިރިންގެ ދެމެދުން ދޫކޮށްލެވިފައިވާ ރުކުނެއް: އަނބިމީހާއާއި ފިރިމީހާ އެކަކު އަނެކަކަށް ދުޢާކުރުން

ދެން އެމްވީ ، ދެން އޮންލައިން

އުފާވެރި ޒަވާޖީ ޙަޔާތެއް ބިނާވެފައި އޮންނަނީ ދެމަފިރިންގެ ދެމެދުގައި އޮންނަ ހަރުދަނާ ގުޅުމުގެ މައްޗަށެވެ. ދެމަފިރިން އެކަކު އަނެކަކާ އަޅައިލައި ލޯބިދީ އުފަލާއި ހިތާމަތައް އެކީގައި ހިއްސާ ކުރާ މިންވަރެއްގެ މައްޗަށެވެ.

Ads by Hajj Corporation

ގުޅުން ބަދަހި ކުރުމާއި ލޯބި ދިނުމުގެ ގޮތުން ، އެކަކު އަނެކަކަށް ވަގުތުދީ ހަދިޔާބަދިޔާ ބަދަލުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އެކީގައި ދަތުރު ދިޔުމާއި އެހެނިހެން ވެސް ފައިދާހުރި ކަންކަމުގައި ވަގުތު ހޭދަ ކުރުމަކީ ވަރުގަދަ ގުޅުމެއްގެ ރުކުނެކެވެ. ނަމަވެސް މިފަދަ ކަންކަމުގައި އެތައް ވަގުތަކާއި ފައިސާއެއް ހޭދަ ކުރާ ކިތަންމެ ބަޔަކު ދޫކޮށްލައިފައިވާ ވަރަށް މުހިންމު ކަމެއް އެބައޮތެވެ. އެއީ އެކަމަކުން ނޫނީ ޒަވާޖީ ޙަޔާތުގެ މާތް ގޮށުގައި ރޫޙީ ޣިޒާ ނުލެވޭނެ ކަމެވެ. އެ ކަމަކީ އެކަކު އަނެކަކަށް ޓަކައި ދުޢާ ކުރުމެވެ.

އަނބިމީހާ ފިރިމީހާއަށް ފިރިމީހާ އަނބިމީހާއަށް ނުވަތަ މައިންބަފައިން ދަރީންނަށް އަދި ދަރީން މައިންބަފައިންނަށް ދުޢާ ކުރުމަކީ އެ ގުޅުންތަކުގެ ފޮނިމީރުކަން އިހްޞާޞްކުރެވޭނޭ ކަމެކެވެ. އެ ގުޅުންތަކުގައި ބަރަކާތް ލައްވައި އޭގެ ލައްޒަތާއި ޢިއްޒަތް ލިއްބައިދޭނޭ ކަމެކެވެ. އެހެންކަމުން އަނބިމީހާ ފިރިމީހާއަށް އަދި ފިރިމީހާ އަނބިމީހާއަށް ދުޢާކޮށްދޭން އެބަޖެހެއެވެ. މައިންބަފައިން ދަރީންނަށް ، ދަރީން މައިންބަފައިންނަށް ދުޢާ ކުރުމުގައި ދެމިތިބޭން އެބަޖެހެއެވެ. އަޚުންނާއި އުޚުތުން އެކަކު އަނެކަކަށް ހެޔޮ ދުޢާކޮށްދޭން ޖެހެއެވެ. މިފަދައިން ދެމިތިބޭ ނަމަ ޔަގީނުން ވެސް އެ ޢާއިލާއެއްގެ ތެރޭގައި ހިތްހަމަޖެހުމާއި އުފާވެރިކަން އަދި ކިއެއް ރައްކާތެރިކަމާއި ކުލުނުގެ ރޫޙީ ޣިޒާއެއް ވަށައިލެވިފައި ވާނެއެވެ.

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘެއްގައި އައިސްފައި ވެއެވެ.

އެއްދުވަހަކު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޢާއިޝަތުގެފާނުގައި އަރިހުގައި އިންނަވައި އެކަމަނާއަށް ދުޢާ ކޮށްދެއްވިއެވެ.

اللهمَّ اغفرْ لعائشةَ ما تَقَدَّمَ من ذَنبِهِا و ما تَأَخَّرَ ، و ما أَسَرَّتْ و ما أَعْلَنَتْ ، و قال : و اللهِ إِنَّها لَدَعْوَتِي لأُمَّتي في كلِّ صَلاةٍ

ޔާ ﷲއެވެ! ޢާއިޝާގެ އިސްވެ ގޮސްފައިވާ ފާފަތަކާއި އަދި ކުރިއަށް އޮތް ތަނުގައި ކުރެވިދާނެ ފާފާއެއް ފުއްސަވައިފާންދޭވެ. އަދި ޢާއިޝާ ސިއްރުން ކޮށްފައިވާ ފާފަތަކާއި ފާޅުގައި ކޮށްފައިވާ ފާފަތައް ފުއްސަވައިފާންދޭވެއެވެ.

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މި ދުޢާގެ ސަބަބުން އެކަމަނާ ހިނިވަރުނަ ކުރައްވަން ފެއްޓެވިއެވެ. އެ ހިނދު ރަސޫލާ ޙަދީޘް ކުރެއްވިއެވެ. ތިމަން ކަލޭގެފާނުގެ ދުޢާއިން ކަމަނާ އުފާވީ ހެއްޔެވެ؟ އެކަމަނާ ވިދާޅުވިއެވެ. ކަލޭގެފާނުގެ ދުޢާއިން އުފާ ނުވާނީ ކާކު ހެއްޔެވެ؟

ޖަވާބުގައި އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. ﷲ ގަންދީ ހުވާކޮށްފައި ބުނަމެވެ. ކަމަނާއަށް ދުޢާ ކުރި ގޮތަށް ކޮންމެ ނަމާދެއްގައި މި ދުޢާ ތިމަން ކަލޭގެފާނު އުއްމަތަށް ޓަކައި ކުރައްވަމެވެ.

އަޅަމެންގެ އުޅުންތަކާއި ގުޅުންތައް މިފަދައިން ލައްވާށިއެވެ.

(ޝައިޚް މުޖުތަބާ ޙަމީދުގެ ދަރުހަކުން)

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!