ރިޕޯޓް

އަރަބިއްޔާ އަނެއްކާ ވެސް މަގުމަތިވަނީ!

  • ސަރުކާރުގެ ވިސްނުމަކީ ދަރިވަރުން ވަގުތީގޮތުން އިއްޒުއްދީން ސްކޫލަށް ބަދަލުކުރުން
  • ބެލެނިވެރިން ބޭނުންވަނީ ދާއިމީ ހައްލެއް
  • މޭޔަރުގެ ހިޔާލަކީ ނާދީ ބިން އަރަބިއްޔާއަށް ދިނުން
އަޒްހާން އިބްރާޙީމް ، ދެން އޮންލައިން

މާލޭގައި ހުންނަ ހަމައެކަނި އަރަބި ތައުލީމީ ސްކޫލު، "މަދަރަސުލް އަރަބިއްޔަތުލް އިސްލާމިއްޔާ" މިހާރު ހުންނަ އިމާރާތް ވަރަށް ބޮޑަށް ހަލާކުވެފައިވާއިރު އެތަނުގައި ކިޔަވައިދިނުމަށް ވަނީ ދަތިވެފައެވެ. އިމާރާތުގެ ފާރުތަކުގެ އެކި ދިމަދިމާލުން ރެނދުލައި އެ ރެނދުތައް ބޮޑުވަމުން ދާއިރު އެތަނުގައި ކިޔަވައިދިނުމަކީ ނުރައްކަލަކަށް މިވަނީ ވެފައެވެ. އެއާއެކު ސްކޫލު ދަރިވަރުން މަގުމަތިވެދާނެކަމުގެ ބިރު އެބަ އޮތެވެ.

Ads by STELCO

އިއްޒުއްދީން ސްކޫލަކީ ހައްލުތަ؟

އަރަބިއްޔާ ސްކޫލުގެ އިމާރާތް ހަލާކުވަމުން ދިޔުމާ އެކު އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެއިމާރާތުގެ އެސެސްމެންޓެއް ހެދުމުގެ މަސައްކަތް ފަށައިފައެވެ. ދެ މަސްދުވަހުގެ ތެރޭގައި މި އެސެސްމެންޓު ނިމޭނެކަމަށް ސަރުކާރުން ބުނާއިރު، އިމާރާތް މަރާމާތު ކުރުމުގެ މަސައްކަތް އެއަށް ފަހު ފަށާނެކަމަށް ވެސް ސަރުކާރުން ބުނެއެވެ. އަރަބިއްޔާ އިމާރާތުގެ މަރާމާތަށް ގާތްގަނޑަކަށް 4 މިލިއަނެއްހައި ރުފިޔާ ހަރަދުވާނެކަމަށް ލަފާކުރެވެއެވެ.

މާލޭ އިންގްލިޝް ސްކޫލު ކުރިން ހުރި އިމާރާތުގައި މިހާރު ހުންނަ އިއްޒުއްދީން ސްކޫލު

ސަރުކާރުގެ ވިސްނުމަކީ އަރަބިއްޔާ އިމާރާތް މަރާމާތު ކުރެވެންދެން ދަރިވަރުން އިއްޒުއްދީން ސްކޫލަށް ބަދަލުކުރުމެވެ. 46 ކްލާސްރޫމް ހުންނަ އަރަބިއްޔާ ސްކޫލުގައި މިހާރު ވެސް ޖާގައިގެ ދަތިކަން އޮވެއެވެ. އިއްޒުއްދީން ސްކޫލަކީ 20 ކްލާސްރޫމުގެ ސްކޫލެކެވެ. އެހެންކަމުން އިއްޒުއްދީން ސްކޫލަށް އަރަބިއްޔާ ދަރިވަރުން ބަދަލުކުރާ ނަމަ ގޮންޖެހުންތަކެއް ހުންނާނެއެވެ. އެޑިއުކޭޝަންގެ ވިސްނުން ހުރީ ބައެއް ދަރިވަރުންނަށް މެންދުރު ފަހުގެ ދަންފަޅީގައި އިއްޒުއްދީން ސްކޫލަށް ގެންގޮސް ކިޔަވައިދޭށެވެ. އަދި އަނެއްބައި ދަރިވަރުންގެ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދާށެވެ.

ބެލެނިވެރިންގެ ކަންބޮޑުވުން

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އަރަބިއްޔާ ސްކޫލް ހިންގި އިމާރާތް ހަލާކުވެ މަރާމާތު ކުރުމަށްކަމަށް ބުނެ ވަގުތީ އިމާރާތަކަށް ދަރިވަރުން ބަދަލުކުރިއެވެ. އޭގެ ދުވަސްތަކެއް ފަހުން ކުރިން އަރަބިއްޔާ ހުރި އިމާރާތް ފްލެޓު އެޅުމަށް ސަރުކާރުން އެ ތަން ނެގިއެވެ. އޭގެ ފަހުން ސަރުކާރުން ބުނީ އަރަބިއްޔާގެ އާ އިމާރާތް ކުރިއަށް ވުރެ އުސްކޮށް އަދި ބޮޑުކޮށް އަޅާނެ ކަމަށެވެ. އޭގެ ފަހުން މިހާރު އަރަބިއްޔާ ހިންގާ އިމާރާތުގެ މަސައްކަތް ނަޝީދުގެ ސަރުކާރުން ފެށިއެވެ. އައު އިމާރާތް ނިމި ދަރިވަރުން ބަދަލުކުރީ 2013ވަނަ އަހަރު ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައެވެ.

ބެލެނިވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މިކަން އަލުން ތަކުރާރުވެދާނެތީއެވެ. އިއްޒުއްދީން ސްކޫލަށް އަރަބިއްޔާ ދަރިވަރުން ބަދަލުކޮށްފި ނަމަ އެތަން ދާއިމީ ކޮށްފާނެކަމުގެ ބިރު ބެލެނިވެރިންގެ އެބައޮތެވެ. އެހެންވެ އިއްޒުއްދީން އިމާރާތަށް އަރަބިއްޔާ ދަރިވަރުން ބަދަލުކުރުމާ ބެލެނިވެރިން ސީދާ ދެކޮޅެވެ.

އަރަބިއްޔާ ސްކޫލު ހުންނަ އިމާރާތުގެ ތަނބުތަކުގައި ރެނދު ލާފައި

އަނެއްކޮޅުން 700އަށް ވުރެ ގިނަ ދަރިވަރުން މިހާރު އެ ސްކޫލުގައި ތިބިއިރު 46 ކްލާސްރޫމު އޮންނަނީ އެދަރިވަރުންނަށް ނުތަކައިފައެވެ. އެންމެ 20 ކްލާސްރޫމުގެ އިއްޒުއްދީން ސްކޫލުގައި މިދަތިކަން މާ ބޮޑަށް ވެސް އަންނާނެއެވެ. އޮންލައިންކޮށް ކިޔެވުން ބަދަލުކުރަން ބެލެނިވެރިން ނުރުހެއެވެ. އިއްޒުއްދީން ސްކޫލަކީ ގްރޭޑު 6އާ ހަމައަށް ކިޔަވައިދޭ ސްކޫލެކެވެ. އަރަބިއްޔާގައި ގްރޭޑު 12އަށް ކިޔަވައިދެއެވެ. އަރަބިއްޔާގައި ގިނައީ މިސްރުގެ ޓީޗަރުންނެވެ. އެހެންވެ ދެމީޑިއަމްއެއްގެ ދެސްކޫލެއްގެ ދަރިވަރުން މަސްހުނިކޮށްގެން ކިޔަވައިދޭން ބެލެނިވެރިން ދެކޮޅެވެ.

އޭގެ ބަދަލުގައި ބެލެނިވެރިން ހުށަހަޅަނީ އަރަބިއްޔާ ސްކޫލު ހިންގުމަށް ފެންވަރު ރަނގަޅު އައު އިމާރާތެއް ދިނުމެވެ. ސަރުކާރު މުވައްޒަފުންގެ ނާދީ ކުރިން ހުރި ބިން އެކަމަށް ރަނގަޅުކަމަށް ބެލެނިވެރިން ދެކެއެވެ. އެހެން ނަމަވެސް މިކަމަށް ސަރުކާރުން އަދި ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ.

މޭޔަރުގެ ޚިޔާލު

އަރަބިއްޔާ ސްކޫލާ ގުޅޭގޮތުން މާލެ ސިޓީގެ މޭޔަރު ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވާ ގޮތުގައި ސަރުކާރުން އަރަބިއްޔާ ސްކޫލުގެ ދަރިވަރުންނާ މެދު ކަންކުރަނީ ވަރަށް ނިކަމެތި ގޮތަކަށެވެ. އެސްކޫލުގެ ދަރިވަރުންނަށް ދާއިމީ ހައްލެއް ލިބެން ޖެހޭނެކަމަށް މޭޔަރު ވެސް ދެކެއެވެ. ބެލެނިވެރިންނެކޭ އެއްގޮތަށް މޭޔަރު ވެސް ބޭނުންވެވަޑައިގަންނަވަނީ ނާދީ ބިމަށް އަރަބިއްޔާ ދަރިވަރުން ބަދަލުކޮށް އެތަން ދާއިމީ ކުރާށެވެ.

ސަރުކާރު މުވައްޒަފުންގެ ނާދީ ހުރި ބިން. މި ބިން ހުސްކޮށް އޮންނަތާ ދުވަސްތަކެއް ވެއްޖެ

ނާދީއަކީ ޖާގައިގެ ގޮތުން ތަނަވަސް ބިމެއްކަމުން އެތަނުގައި އަރަބިއްޔާގެ ދަރިވަރުންނަށް ތަކާވަރުގެ ފެންވަރު ރަނގަޅު ބޮޑު ސްކޫލެއް އެޅޭނެއެވެ. މޭޔަރު ވިދާޅުވާ ގޮތުގައި އަރަބިއްޔާއަކީ މާލޭގައި ހުރި ހަމައެކަނި އަރަބި ތައުލީމީ ސްކޫލުކަމުން އެސްކޫލު ވަރަށް މުހިންމުވާ ކަމަށެވެ. 100 އިންސައްތަ މުސްލިމް ގައުމެއްގައި މިފަދަ ސްކޫލެއްގައި ދަރިންނަށް ކިޔަވައިދޭން ބޭނުންވާ ވަރަށް ގިނަ އާއިލާތައް ތިބިއިރު އެހުރިހާ އާއިލާއަކަށް ފުރުސަތު ލިބޭނެ ބޮޑު ސްކޫލެއް ހުރުން މުހިންމުކަމުގައި މޭޔަރު ދެކިލައްވައެވެ.

 

އަރަބިއްޔާގެ ދަރިވަރުން ސްކޫލަށް ފޮނުވަން ބެލެނިވެރިން މިހާރު ވެސް ބިރުގަނެއެވެ. އިމާރާތުގެ ބައެއް ތަނބުތަކާއި ފާރުތަކުގައި އިނގިލީގެ ފުޅާމިނަށް ފޭވެފައިވާ ރެނދު ހުރި އިރު މިރެނދުތައް އިތުރުވެ ދުވަހެއް ދުވަހަކަށް ދަނީ ފޭވަމުންނެވެ. މިތަން ބޮލަށް ވެއްޓިދާނެކަމުގެ ބިރު އޮތުމުން އެއީ ދަރިވަރުންނަށް އެންމެ ރައްކާތެރިތަނެއް ކަމުގައި ބެލެނިވެރިން ނުދެކެއެވެ. އެހެން ނަމަވެސް ބެލެނިވެރިން ބޭނުން ވަނީ ދާއިމީ ހައްލެކެވެ.

ސަރުކާރުން ބޭނުން ވަނީ އަންނަ އަހަރުގެ ސްކޫލު ޓާމު ފަށާއިރު އިއްޒުއްދީނުގައި ކިޔަވައިދޭން ފަށާށެވެ. އޭރުން އިމާރާތް މަރާމާތުކޮށް ނިމުމުން އަލުން ދަރިވަރުން ސްކޫލަށް ބަދަލުކުރެވޭނެކަމަށް ސަރުކާރުން ބުނެއެވެ. ސަރުކާރުން މިހާރު ދަނީ 2013ވަނަ އަހަރު ހުޅުވި އަރަބިއްޔާ އިމާރާތަށް 10 އަހަރު ނުވަނީސް އެތަން ހަލާކުވުމުން އޮޑިޓެއް ހަދަން ފަށައިފައެވެ.

Ads by HDC
  1. ސެއްޅި

    އިބޫ…..ޢަރަބިއްޔާ ފ