އިންތިހާބުގެ ފޯމު ހުށަހަޅަން ދިޔަ މީހަކު އީސީ މުވައްޒަފުންނަށް ބިރު ދައްކައިފި
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަ ކުރަން ބޭނުންވާ ފަރާތްތަކަށް ފޯމު ހުށަހަޅަން ހުޅުވާލާފައިވާ ފުރުސަތުގައި ފޯމު ހުށަހަޅަން ދިޔަ އާއްމު މީހަކު އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންނަށް ބިރު ދައްކައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނީ ކައުންސިލް އިންތިހާބުގެ ފޯމު ހުށަހެޅުމަށް އިލެކްޝަނަށް އައި އާއްމު ފަރާތަކުން އެ ކޮމިޝަނުގެ މުވައްޒަފުންނަށް އިންޒާރުދީ ބިރު ދައްކާފައިވާ ކަމަށެވެ. އިލެކްޝަނުން ބުނީ އިންތިހާބުގެ މަސައްކަތްތަކުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް ބިރު ދައްކާ އިންޒާރު ދިނުމަކީ އެ ކޮމިޝަނުން ނުހަނު ކަންބޮޑުވާ މައްސަލައެއް ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ އެފަދަ ކަންކަން ކުރާ ފަރާތްތަކާއި މެދު ގާނޫނީ ގޮތުން އެޅެން ހުރި ހުރިހާ ފިޔަވަޅެއް އެ ކޮމިޝަނުން އަޅަމުން ގެންދާނެ ކަމަށެވެ. ނަމަވެސް މިކަމާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އެކޮމިޝަނުން ހާމައެއް ނުކުރެއެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ ފަރާތްތައް ފޯމު ހުށަހެޅުމަށް އިލެކްޝަނުން ހުޅުވާލާފައިވާއިރު މި މަހުގެ 20ވަނަ ދުވަހަށް ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވާނެއެވެ.