ޚަބަރު

ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓަލާ އާބާދީތަކަށް އިނާމް ކަނޑައެޅުމަށް އާންމުންގެ ޚިޔާލު ހޯދަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓަލާ ރަށްރަށުގެ އަބާދީގެ ހުރިހާ ރައްޔިތުންނަށް ފައިސާގެ އިނާމެއް ނުވަތަ އިނާޔަތެއް ދިނުމާ ގުޅޭގޮތުން އާންމުންގެ ޚިޔާލު ހޯދުމަށް ދިރާސާއެއް ފަށައިފިއެވެ.

Ads by STELCO

ސިއްހީ ވުޒާރާއިން ވިދާޅުވީ މި ދިރާސާގެ މަޤްސަދަކީ ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓަލާ ރަށްރަށުގެ އަބާދީގެ އެންމެނަށް ފައިސާގެ އިނާމެއް ނުވަތަ އިނާޔަތެއް ދިނުމާ ގުޅޭގޮތުން އާންމުންގެ ޚިޔާލު ހޯދުންކަމަށެވެ. އަދި މުޖުތަމައު ހޭލުންތެރިކުރުމާ ގުޅޭ ގޮތުންނާ، ކަންކަން ތަންފީޛު ކުރުމުގައި ދިމާވާ ގޮންޖެހުންތަކާމެދު އާންމުން ދެކޭގޮތާއި، ކުރިއަށް އޮތްތަނުގައި ރަނގަޅު ކުރުމަށް ފެންނަ ކަންތައްތައް ދެނެގަތުންކަމަށް ސިއްޙީ ވުޒާރާއިން ވިދާޅުވިއެވެ.

ސިއްޙީ ވުޒާރާއިން ވިދާޅުވީ މި ދިރާސާގައި ބައިވެރިވާ އެއްވެސް ފަރާތެއްގެ މަޢުލޫމާތު ހާމަނުކުރާނެކަމަށެވެ. އަދި ދިރާސާގައި ލިބޭ މަޢުލޫމާތުތައް ބޭނުން ކުރާނީ ރާއްޖޭގައި ދުންފަތުގެ އިސްތިޢުމާލު ކުރުން މަދުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި އާއި އެކަމާ ގުޅުންހުރި ސިޔާސަތުތައް އެކުލަވާލުމުގަކަމަށެވެ.

ދުންފަތާ ދުރު މުޖުތަމަޢުއެއް ބިނާކުރުމަށްޓަކައި އިޖުތިމާޢީ ގޮތުން ހަރަކާތްތެރިވާ ފަރާތްތަކާއި، ދުންފަތުގެ އިސްތިޢުމާލުނުކުރާ ރަށްރަށް ފާހަގަކުރުމަށް އިނާމެއް ތަޢާރުފުކުރުމާއި، އެ އިނާމު ލިބޭ ރަށެއްގެ އިޖްތިމާޢީ ކަންކަމަށް މާލީ އެހީތެރިކަން ދިނުން ފަދަ ކަންކަން ހިމަނައިގެން މާސްޓަރ ޕްލޭން އެކުލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ. މި މާސްޓާ ޕްލޭން ތައްޔާރުކުރަނީ ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ އެހީތެރިކަމާއެކުއެވެ. މިއީ 5 އަހަރުދުވަހުގެ މާސްޓަރ ޕްލޭންއެކެވެ.

މި ޕްލޭންގައި، ދުންފަތާ ދުރުހެލިވާން ބޭނުންވާ ފަރާތްތަކަށް ޚާއްޞަ ފަރުވާ، ކޮންމެ ރަށެއްގެ ޞިއްޙީ ޚިދުމަތްދޭ މަރުކަޒަކުން ހިލޭ ފޯރުކޮށްދިނުންވެސް ހިމެނުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ. ދުންފަތް ކޮންޓްރޯލް ކުރުމަށް ފަސް އަހަރުގެ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާއިރު، 'ދަފަރާ'ގެ ނަމުގައި ދުންފަތާ ދެކޮޅު ކެމްޕެއިނެއްވެސް ސަރުކާރުން ކުރިއަށްގެންދަވައެވެ.

ސަރުކާރުން އަންނަނީ ދުންފަތް ކޮންޓްރޯލްކުރުމަށް މުހިންމު އަދި ހަރުދަނާ ގިނަ ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ. އެގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖެއަށް ވޭޕް އެތެރެކުރުން ވަނީ މަނާކޮށްފައެވެ. އަދި ދުންފަތުގެ ބާވަތްތަކާއި ވޭޕްއިން ނަގާ ޑިއުޓީވެސްވަނީ ބޮޑުކޮށްފައެވެ. މީގެ އިތުރުން 1 ޖެނުއަރީ 2007 އިން ފެށިގެން ރާއްޖޭގައި އުފަންވެފައިވާ ހުރިހާ ކުދީންނަށް، އަދި އެ ތާރީހުގެ ފަހުން އުފަންވާނެ ހުރިހާ ކުދީންނަށްވެސް، ދުންފަތުގެ އިސްތިޢުމާލު ކުރުމާއި ދުންފަތް ގަނެ ވިއްކުންވެސް ވަނީ މަނާކޮށްފައެވެ.

Ads by Allied Insurance