އާދަމް ޝަރީފް މިފަދައިން ވިދާޅުވެފައި މިވަނީ މިއަދު އެމްޑީޕީން ކައުންސިލް އިންތިހާބަށް ޕޯސްޓަރު ހަރުކުރުމަށް ބޭއްވި ހަރަކާތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދެއްކެވި ވާހަކަފުޅާއި ގުޅިގެންނެވެ. އެގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ މިދިޔަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ކަމަށެވެ. އަދި ވިދާޅުވީ ރައްޔިތުން އަދިވެސް ތިބީ ސަރުކާރާއި އެކީގައި ސަރުކާރަށް އިންތިހާބުތައް ކާމިޔާބު ކޮށްދިނުމުގެ ރޫހުގައި ކަމަށެވެ.
އާދަމް ޝަރީފު އުމަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަދުގެ ސަރުކާރަށް ގިނަ ވައުދުތަކެއް ފުދިފައިނުވާއިރު އަދި ރިޔާސީ އިންތިހާބުގައި ވައުދުވި މިނިމަމް ވޭޖުވެސް ކަނޑައެޅިފައި ނުވާއިރު ކައުންސިލް އިންތިހާބު ސަރުކާރަށް ދީގެން ފެންނާނީ ކޮން އެއްޗެއްކަން ރައްޔިތުންނަށް އެނގޭ ކަމަށެވެ.