ލައިފްސްޓައިލް

އެންމެ ފުރަތަމަ ފޭސްބުކް އައިޑީއެއް ހަދައިދިނީ ކާކު؟

ފޭސްބުކަކީ މިހާރު ދިވެހިންގެ ތެރޭގައި ވަރަށް މަގުބޫލު ވެފައިވާ މީސްމީޑިއާ މަންސައެކެވެ. އެންމެ 13 އަހަރުގެ ކުދީންނާއި ހަމައިން ފެށިގެން ގޮސް މާމަ ކާފަ އުމުރުގެ މީހުން ވެސް ފޭސްބުކް ބޭނުންކުރުމަކީ އަހަރެމެންގެ ތެރޭގައި އާދައެކެވެ. ފޭސްބުކްގައި އެމީހެއްގެ ހަރަކާތްތަކުގެ ''ސްޓޯރީ''ތަކާއި އެމީހެއްގެ ނަޒަރީ ''ޕޯސްޓްތައް'' ޖަހާނުލާ މީހެއް މަދުވާނެއެވެ.

ނަމަވެސް މީގެ ދިހަ ބާރަ އަހަރު ކުރިން އަހަރެމެން ފޭސްބުކް ބޭނުންކުރަން ފެށިއިރު ދިވެހިންގެ ތެރޭގައި އެއީ އެހާ އާއްމު އެއްޗެއް ނޫނެވެ. ބޭނުން ކުރާ ގޮތް ގިނަ މީހުންނަށް ރަނގަޅަށް ނުވެސް އެނގެއެވެ. އޭރު ގިނަ ބަޔަކު ފުރަތަމަ ފޭސްބުކް ބޭނުން ކުރަނީ ކޮންމެވެސް މީހެއްގެ އެހީތެރިކަމާއި އެކުގައެވެ. ފޭސްބުކްގެ ކަންތައްތައް ތަންކޮޅެއް ރަނގަޅަށް އެނގޭ ރަހުމަތްތެރިއެއް ނުވަތަ ދައްތަ ނޫނީ ބޭބެގެ އެހީގައެވެ.

ޒަމާން މިވަނީ ބަދަލުވެފައެވެ. ދުވާލަކު ދެތިން ގަޑިއިރު ފޭސްބުކްގައި ހޭދަކޮށްނުލާ މީހެއް މިހާރު މަދުވާނެއެވެ. ދެމިޔަ ލީ ކަޑިއެއްފަދަ ފޭސްބުކްގެ ބޭނުން އެންމެ ރަނގަޅަށް ހިފާ މީހުންނާއި ހަމައެކަނި ފޫހި ފިލުވާލުމުގެ ބޭނުން ހިފާ މީހުންވެސް މަދެއް ނޫނެވެ. މީހާގެ މުޅި ދުވަހުގެ ހަރަކާތްތައް ފޭސްބުކްގައި ހިއްސާ ކުރަމުން ރައްޓެހިންގެ ގުރޫޕްތައް ހަދާ އެކަކު އަނެކަކަށް މައްލަވަކުރުން އެއީ އާއްމުކަމެކެވެ. ހަމައެއާއެކު މިހާރުގެ ޚަބަރު ފީތާއަކަށް ވެސް ވެފައިވަނީ ފޭސްބުކެވެ. ދަންނަ މީހެއް ނުވަތަ ރައްޓެއްސެއް ބަލިވެއްޖެނަމަ އެކަންވެސް އެންމެ އަވަހަށް އެނގެނީ ފޭސްބުކުންނެވެ. ބައެއްފަހަރު ބައެއް ދަންނަ މީހުންގެ މަރުގެ ޚަބަރުވެސް ލިބެނީ ފޭސްބުކްގެ ޒަރީޢާ އިންނެވެ.

ފޭސްބުކާއި އަހަރެމެންގެ ދިރިއުޅުން މިހާބޮޑަށް ގުޅިފައިވި ނަމަވެސް ، ކުރީގައި އަހަރެމެންގެ ތެރެއިން ގިނަ ބަޔަކަށް ކުޑަމިނުން ފޭސްބުކްގެ އައިޑީއެއް ހަދާލަން ވެސް ނޭނގެއެވެ. އެ ދުވަހު އެހެން މީހަކު ލައްވާ އައިޑީ ހެއްދުވި ހަނދާނަކީ ފިލައިގެން ދާނޭ ހަނދާނެއް ނޫނެވެ. އެހެންވީމާ ބުނެބަލާށެވެ. ތިބާއަށް އެންމެ ފުރަތަމަ ފޭސްބުކް އައިޑީ ހަދައިދިނީ ކާކު ހެއްޔެވެ؟

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!